ޣައްޒާގެ އެންމެ ބޮޑު ދަރިމައިވާ (ފާޓިލިޓީ) ކްލިނިކަށް އިސްރާއީލުން އެޅި އެންމެ ބޮމަކުން އެ ކްލިނިކްގައި ހުރި 4000 އަށް ވުރެ ގިނަ އެމްބްރިޔޯ ހަލާކު ވެއްޖެއެވެ.

އެމްބްރިޔޯ އަކީ ފިރިހެނާގެ ދަރިފަންޏާއި އަންހެނާގެ ބިސް އެކުވުމުން އުފެދޭ ދަރިފުޅުގެ އެންމެ ފުރަތަމަ މަރުހަލާއެވެ. އެންމެ ރަނގަޅު ވަގުތުގައި އަންހެނާގެ ރަހިމުގައި އިންދަންދެން އެ މަރުހަލާގައި އެމްބްރިޔޯ ގަނޑުކޮށްފައި ބަހައްޓައެވެ.

ޣައްޒާގެ މެދުތެރޭގެ ޣައްޒާ ސިޓީގައި ހުންނަ އަލް ބަސްމާ އައިވީއެފް ސެންޓަރަށް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާއިން ދިން ހަމަލާގައި އެ ސެންޓަރުގައި ހުރި ދިޔާ ނައިޓްރޯޖަންގެ ފަސް ޓޭންކުގެ މަތިގަނޑު ވަނީ ގޮވާފައެވެ. އެއާއި އެކު އެމްބްރިޔޯ ތަކާއި، ދަރި ފަންޏާއި ފާޓިލައިޒް ނުކުރާ ބިހުގެ އިތުރު 1000 ސްޕެސިމެން ރައްކާ ކޮށްފައި ހުރި -180 ޑިގްރީ ސެލްސިއަސްގައި ހުރި ފެންގަނޑު ވަނީ އާއްވަށް އަރައިގެން ގޮސްފައެވެ.

މިހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

އެ ޓޭންކު ތަކުގައި ހުރި އެމްބްރިޔޯ ތަކަކީ ފަަލަސްތީނުގެ ދަރިން ނުލިބޭ އެތައް ދެމަފިރިއެއްގެ އެންމެ ފަހުގެ އުންމީދެވެ.

"އަހަރެމެންނަށް އެނގޭ މި 5000 ފުރާނަ، ނުވަތަ ދަރިންނަށް ވުމުގެ ފުރުސަތު އޮތް ފުރާނަތައް މައިންބަފައިންނަށް މުހިންމުވާނެ މިންވަރު، ފާއިތުވެ ދިޔަ ދުވަސްތަކަށް ނޫނީ މުސްތަގުބަލަށް." 1997 ވަނަ އަހަރު އެ ކްލިނިކް ހުޅުވި އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ 73 އަހަރުގެ ބަހެލްދީން ގަލަޔީނީ ބުނެފައި ވެއެވެ.

ގެއްލިގެން ދިޔަ ސްޕެސިމެން ތައް ނިސްބަތްވާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި ދެމަފިރިންނަކީ ދެން ދިރިހުންނަ އެމްބްރިޔޯ އެއް އުފައްދާނެ ދަރިފަނި ނުވަތަ ބިސް އުފެއްދުމުގެ ގާބިލުކަން ގެއްލިފައިވާ މީހުން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

"އަހަރެންގެ ހިތް ވަނީ މިލިއަން އެތިކޮޅުތަކަށް ކުދި ކުދިވެފައި". އޭނާ ބުނެފައި ވެއެވެ.

ގަލަޔީނީ ބުނެފައިވަނީ އެ ސެންޓަރަށް ދިން ހަމަލާގައި އެމްބްރިޔޯތައް ރައްކާ ކޮށްފައި ހުރި އެމްބްރިޔޮލޮޖީ ލެބް އެއްކޮށް ގޮއްވާލާފައިވާ ކަމަށާއި، އެ ހަަމަލާ ދީފައިވަނީ ހަމަ އެތަނަށް އަމާޒުކޮށް ކަމެއް ސީދާ ބުނަން ނޭނގޭ ކަމަށެވެ.

"އެ ހުރިހާ ފުރާނަތަކެއް ވަނީ މަރާލާފައި ނުވަތަ ގެއްލުވާލާފައި، އެންމެ ބޮމަކުން 5000 ފުރާނަ." އޭނާ ބުނެފައި ވެއެވެ.

މި އޭޕްރިލް މަހު ރޮއިޓާސްގެ ނޫސްވެރިއެއް އެ ސެންޓަރަށް ޒިޔާރަތް ކުރުމަށްފަހު ބުނެފައިވަނީ އަދިވެސް އެ ސެންޓަރު ވަނީ ކުދިކުދިވެފައިވާ ބައިތަކާއި ކޮންކްރީޓްތަކުން ފުރިފައި ކަމަށެވެ. އަދި އެ ތަކެތީގެ ތެރޭގައި ގެއްލުން ލިބިފައިވާ އާލަތްތަކާއި، ލިކުއިޑް ނައިޓްރޯޖަންގެ ޓޭންކުތައް އަދިވެސް ފެންނަން އެބަ ހުރި ކަމަށް އޭނާ ވަނީ ބުނެފައެވެ.