ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އަލް ޝިފާ ހޮސްޕިޓަލު ކުރިމަތީގައި ވަޅުލާފައިވާ އެތައް ހަށިގަނޑުތަކެއް ފެނިފައިވާ ކަމަށް ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފިއެވެ.

މީޑިއާ އޮފީހުގެ ވެެރިޔާ ސަލާމާ މާރޫފް ބުނެފައިވަނީ އަލް ޝިފާ ހޮސްޕިޓަލު ކުރިމަތީގައި ވަޅުލާފައިވާ މަދުވެގެން 30 މީހުންގެ ހަށިގަނޑު ސިއްހީ މަސައްކަތްތެރިން ނަގާފައިވާ ކަމަށެވެ. ކުނިބުންޏާއި ފަސްގަނޑުގެ ދަށުގައި އެމީހުންގެ ހަށިތައް ވަޅުލައި، ގަސްތުގައި އެ ހަށިގަނޑުތައް ފޮރުވަން އިސްރާއީލުގެ އަސްކަރިއްޔާއިން މަސައްކަތް ކޮށްފައިވާ ކަމަށް ސަލާމާ ވަނީ ތުހުމަތު ކޮށްފައެވެ.

ވަޅުލާފައިވާ މީހުންގެ ތެރޭގައި އަންހެނުންނާއި ޒަހަމްވެފައިވާ މީހުން ހިމެނޭ ކަަމަށާއި، އޭގެ ތެރެއިން 12 މީހުންނަކީ ކޮން ބައެއްކަން ދެނެގަނެވިފައިވާ ކަމަށް ސަލާމާ ވަނީ ބުނެފައެވެ.

"ބައެއް މީހުން ވަނީ ބިޑި އަޅުވާފައި އަދި އެމީހުންގެ އަންނައުނު ވަނީ ބާލާފައި. އޭގެންވެސް ދޭހަވަނީ އެމީހުން ވަނީ އެއްވެސް ރަހުމެއް ނެތި ޝަހީދު ކޮށްލާފައިކަން." ސަލާމާ ބުނެފައި ވެއެވެ.

މަންޒަރު ދުށް ފަރާތްތަކާއި ހަވާލާދީ އަލް ޖަޒީރާގެ ނޫސްވެރިޔާ ހާނީ މަހުމޫދު ރިޕޯޓުކޮށްފައިވާ ގޮތުގައި ވަޅުލާފައިވާ ބައެއް މީހުންގެ ހަށިތަކުގައި ބެންޑޭޖުވެސް އޮޅާފައި ހުއްޓެވެ. އެހެންކަމުން އެއީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ ބަލިމީހުންނަށް ވުން ގާތެވެ.

މިއީ އަލް ޝިފާ ހޮސްޕިޓަލު ކުރިމަތިން މި ހަފްތާ ފެނުނު ދެވަނަ ބޮޑު ކަށްވަޅެވެ.

އިސްރާއީލުން ދެހަފްތާ ވަންދެން އަލްޝިފާ ހޮސްޕިޓަލު ހިސޯރު ކޮށްގެން ދިން ހަަމަލާތަކުގައި އެ ހޮސްޕިޓަލު ވަނީ ސުންނާފަތި ކޮށް، ގަބުރުސްތާނަކަށް ބަދަލު ކޮށްފައެވެ.

ހަމާސްއިން އަލް ޝިފާ ހޮސްޕިޓަލުގައި މައި މަރުކަޒެއް ހިންގާ ކަަމަށް ބުނެ އެ ހޮސްޕިޓަލަށް އިސްރާއީލުގެ އަސްކަރިއްޔާއިން އެންމެ ފުރަތަމަ ހަމަލާދިނީ މިދިޔަ ނޮވެމްބަރު މަހުއެވެ.

އަދި އެއަށްފަހު މިދިޔަ މާޗް މަހުވެސް ޓޭންކުތަކާއި އެކީ އެ ހޮސްޕިޓަލު ހިސޯރުކޮށްގެން 10 ދުވަސް ވަންދެން ހަަމަލާ ދީ، އެތައް ބަޔަކު ވަނީ ޝަހީދު ކޮށްލާފައެވެ.

އިސްރާއީލުން ހަމަލާ ދިން އިރު އެ ހޮސްޕިޓަލުގައި އެތައް ހާސް ބަޔަކު ހިޔާވަހިކަން ހޯދަމުން ގޮސްފައިވުމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް އިތުރު ހަށިގަނޑުތައް ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ.