ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ބުނެފައިވަނީ ޔަހޫދީންގެ އަސްކަރިއްޔާގެ ގޮލާނީ ބުރިގޭޑްސް އިން މިއަދު ލުބުނާންގެ ދެކުނުގެ ސަރަހައްދުތަކުގައި ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިން ހަރަކާތްތެރިވާ ތަން ފެނުމުން އެމީހުންގެ ހަރަކާތްތަކަށް ފާރަވެރިވެފައިވާ ކަމަށާއި އަދި އެމީހުންގެ ހަރަކާތްތަކުގެ މައުލޫމާތު އިސްރާއީލުގެ ވައިގެ ސިފައިންނަށް ފޯރުކޮށްދެމުން ދިޔަ ކަމަށެވެ.

ޔަހޫދީންގެ އަސްކަރިއްޔާ އިން ބުނެފައިވަނީ ހިޒްބުﷲ ހަނގުރާމަވެރިން އެމީހުންގެ އަސްކަރީ މަރުކަޒުތަކަށް ވަނުމާއި އެކު ޔަހޫދީންގެ ވައިގެ އަސްކަރިއްޔާގެ ސިފައިން އެ ތަންތަނަށް ހަމަލާދީފައިވާ ކަމަށެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އުތުރުގެ ސަރަހައްދު ގައި ވެސް ވަނީ ވައިގެ ހަމަލާއެއްގެ އެލާޓް އަޅާފައެވެ. ނަމަވެސް ފުރަތަމަ އެލާޓަކީ އޮޅިގެން އެޅުނު އެލާޓެއް ކަމަށާއި ދެވަނަ އެލާޓަކީ ލުބުނާންގެ ދެކުނު ސަރަހައްދުތަކުން ޑުރޯނެއް އުދުއްސާލުމުން އެޅި އެލާޓެއް ކަމަށް އަސްކަރިއްޔާއިން ބުނެފައި ވެއެވެ. މި ޑުރޯން ހަމަލާގައި އިސްރާއީލުގެ އެއްވެސް މީހަކަށް އަދި ތަނަކަށް ވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ޔަހޫދީ އަސްކަރިއްޔާ އިން ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ލުބުނާންގެ ދެކުނު ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން ދަނީ އިސްރާއީލަށް ހަމަލާތައް ދެމުންނެވެ. އަދި މިހާރު ކޮންމެ ދުވަހަކު ކަހަލަ ގޮތަށް އިސްރާއީލާއި ހިޒްބުﷲ އާއި ދެމެދު، ބޯޑަރު ސަރަހައްދުގައި ހަމަލާތައް ބަދަލުކުރަމުންދެއެވެ.

މި ހަމަލާތައް ހޫނުވެ މިހާރަށް ވުރެ ވަރުގަދަވެ އަނެއްކާ ވެސް މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށުމުގެ ބިރު ވެސް އެބަ އޮތް ކަމަށް މެދުއިރުމަތީގެ މަޝްރަހު ދިރާސާ ކުރައްވާ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.