ޗައިނާގެ ދެކުނުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ލައްކައަކަށްވުރެ ގިނަ މީހުން ހުސްކޮށްފައިވާއިރު، ވިއްސާރައިގެ އަސަރު ކޮށްފައިވާ ސަރަހައްދަށް ބޯކޮށް ވާރޭވެހޭނެ ކަމުގެ އިންޒާރު ސަރުކާރުން މިއަދު ނެރެފިއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ގުއާންގްޑޮންގްއަށް ބޯކޮށް ވާރޭވެހި، ކޯރުތައް ފުރި، ފެންބޮޑުވެދާނެ ކަމުގެ ބިރު ބޮޑުވެފައި ވެއެވެ.

އެ ސަރަހައްދުގައި ބޯކޮށް ވާރޭ ވެހޭނެ ސިޓީތަކުގެ ތެރެއިން ޝެންޒޭން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ސަރަހައްދު ފެންބޮޑުވެ، ނުރައްކާ ވަރަށް ބޮޑު ކަމަށް އެ ސިޓީގެ މީޓިއޮރޮލޮޖިކަލް އޮބްޒަވޭޓަރީން ބުނެފައި ވެއެވެ.

ގުއާންގްޑޮންގްގެ އުތުރުގެ ސިޓީއެއް ކަމަށްވާ ކިންގްޔުއާންގެ ފޮޓޯތަކުން ފެންނަ ގޮތުގައި ކޯރެއް ކައިރީގައި ހުރި ފެންބޮޑުވެފައިވާ ޕާކެއްގެ ތެރޭގައި ހުރި އިމާރާތެއް ގާތްގަނޑަކަށް މުޅިން އަޑިއަށް ގޮސްފައި ވެއެވެ.

ރަސްމީ މީޑިއާއިން އާދީއްތަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ބެއި ކޯރުގެ އަވަށްތަކުގައި އޮންނަ ކިންގްޔުއާން އިން 45،000 އަށް ވުރެ ގިނަ މީހުން ވަނީ ހުސްކޮށްފައެވެ.

ދައުލަތުގެ ނޫސް އެޖެންސީ ޒިންހުއާ އިން ބުނީ ހަފުތާ ބަންދުގައި ބޯކޮށް ވާރޭ ވެހެން ފެށި ފަހުން ގުއާންޑޮންގްގެ 110،000 މީހުން ބަދަލުކޮށްފައިވާ ކަމަށެވެ.

އަދި މި ވިއްސާރައިގައި މިހާތަނަށް ހަތަރު މީހަކު މަރުވެފައިވާއިރު 10 މީހަކު ގެއްލިފައިވާ ކަމަށް ދައުލަތުގެ މީޑިއާއިން ބުނެެފައި ވެއެވެ.