ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް މި މަހު އެހީގެ ޓުރަކްތައް ވެއްދުން އިތުރުކުރާނެ ކަމަށް ބުނި ނަމަވެސް އެހީ ވެއްދުމަށް މާބޮޑު ހެޔޮ ބަދަލެއް ނާންނަ ކަމަށް ފަލަސްތީނުގެ ޣައްޒާގައި އެންމެ ފުޅާދާއިރާއެއްގައި އިންސާނީ އެހީދިނުމުގެ މަސައްކަތް ކުރާ ފަލަސްތީނުގެ ރެފިއުޖީންނާއި ބެހޭ އދ ގެ އެޖެންސީ (އަންރާ) އިން ބުނެފިއެވެ.

އެ އެޖެންސީ އިން އެންމެ ފަހުން ނެރުނު ރިޕޯޓްގައިވާ ގޮތުން މި އޭޕްރީލް މަހު އިންސާނީ އެހީގެ ގޮތުގައި ޣައްޒާ އަށް ދުވާލަކު ވަދެފައިވަނީ އެންމެ 186 އެހީގެ ޓުރަކެވެ. ނަމަވެސް ޣައްޒާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތުގައި ޒަރޫރީ އެހީ ފޯރުކޮށްދިނުމަށް މަދުވެގެން 500 ޓުރަކް ގެ އެހީ ދުވާލެއްގެ މައްޗަށް ޣައްޒާ އަށް ވައްދަން ޖެހޭ ކަމަށް އަންރާ އިން ބުނެއެވެ. ޣައްޒާ އަށް އެހީގެ ޓުރަކްތައް ވަންނަ ނިސްބަތް އިތުރުކޮށްދިނުމަށް އެ އެޖެންސީ އިން ވަނީ އިސްރާއީލަށް ގޮވާލާފައެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަނީ ފަލަސްތީނުގެ ޣައްޒާ ވަށައިގެން ހިސޯރުކޮށްފައެވެ. އަދި ޣައްޒާ އަށް ވަދެ ނުކުމެވޭ ހުރިހާ މަގެއް ވަނީ ޔަހޫދީ އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާގެ ބެލުމުގެ ދަށުގައެވެ.

ޔަހޫދީންގެ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާގައި އެންމެ ބޮޑަށް ހާލުގައި ޖެހިފައިވަނީ އުތުރު ޣައްޒާގެ ސަރަހައްދުތަކެވެ. ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ދަނީ އުތުރު ޣައްޒާ އަށް ވައްދާ އެހީތަކުގެ 15 އިންސައްތަ އަބަދުވެސް ހުއްޓުވަމުންނެވެ.

އަދި އަންރާގެ މުވައްޒަފުންނަށް އުތުރު ޣައްޒާގައި ހަރަކާތްތެރިވުން ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަނީ މަނާކޮށްފައެވެ. އަދި މީގެ އިތުރުން އުތުރު ޣައްޒާގައި ހާލުގައި ޖެހިފައިތިބި މީހުންނަށް ކާނާ ފޯރުކޮށްދިނުން ވެސް ޔަހޫދީންގެ އަސްކަރިއްޔާ އިން ވަނީ އަންރާ އަށް މަނާކޮށްފައެވެ.

އަންރާގެ މުވައްޒަފުން ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުގެ މުޖާހިދުން އިސްރާއީލަށް ދިން ހަމަލާގައި ހަމާސްގެ މުޖާހިދުންނަށް އެހީތެރިވެފައި ކަމަށް ބުނެ ޔަހޫދީންގެ އަސްކަރިއްޔާ އިން ވަނީ ދޮގު ފަތުރާފައެވެ. އޭގެ ސަބަބުން އެ ޖަމިއްޔާ އަށް އެންމެ ގިނައިން އެހީތެރިކަން ދޭ ގައުމުތަކުން ވަނީ އެހީ ދިނުންވެސް ހުއްޓާލާފައެވެ.

ނަމަވެސް މިނިވަން ތަހްޤީޤަކުން މިހާރު ވަނީ އިސްރާއީލުން ހެދި ދޮގުތައް ފަޅާއަރާފައެވެ. އަދި ކުރިން އެހީދިނުން ހުއްޓާލި ގިނަ ގައުމުތަކުން ވަނީ އަންރާ އަށް އަލުން އެހީ ދޭން ފަށާފައެވެ.