ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން އިއްޔެ އެކަނި ވެސް ފަލަސްތީނުގެ ޣައްޒާގެ 50 އަމާޒަކަށް ހަމަލާދީފައިވާނެ ކަމަށް ޔަހޫދީންގެ އަސްކަރިއްޔާ އިން ބުނެފިއެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޣައްޒާ އަށް އިއްޔެ ދިން ހަމަލާތައް އަމާޒުކޮށްފައިވާނީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުގެ އަސްކަރީ އަމާޒުތަކަށް ކަމަށެވެ.

އެގޮތުން ޔަހޫދީންގެ އަސްކަރިއްޔާ އިން ބުނެފައިވަނީ އަސްކަރިއްޔާގެ ހަމަލާތައް އަމާޒުކޮށްފައިވާނީ ހަމާސް ޖަމާއަތުގެ މުޖާހިދުން އިސްރާއީލަށް ރޮކެޓް ހަމަލާތައް ދިނުމަށް ބޭނުންކުރާ ރޮކެޓް ލޯއްޗަރު ތަކަށާއި ހަމާސްގެ މުޖާހިދުން ފިލުމަށް ބޭނުން ކުރާ ބިމުއަޑީގެ ބިންގަރާސް ތަކަށް ކަމަށެވެ. މި ހަމަލާތަކުގައި ހަމާސްގެ އެތައް އަސްކަރީ މަރުކަޒެއް ބޭނުން ނުކުރެވޭ މިންވަރަށް އެއްކޮށް ހަލާކުކޮށްލެވިފައިވާ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ ބުނެފައެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން މިއަދު މެދުތެރޭ ޣައްޒާ އަށް ދިން ޓޭންކު ހަމަލާތަކެއްގައި ފަަލަސްތީނުގެ މުޖާހިދުންތަކެއް ޝަހީދުކޮށްލާފައިވާނެ ކަމަށް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަނީ ބުނެފައެވެ. ނަމަވެސް މި ހަމަލާގައި ޝަހީދުވި މުޖާހިދުންގެ އަދަދު އިސްރާއީލުގެ އަސްކަރިއްޔާ އިން ހާމަ ކޮށްފައެއް ނުވެއެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔަ އިން ވަނީ ފަލަސްތީނުގެ ޣައްޒާގެ ރަފާހް އަށް ދޭ ހަމަލާތައް ފާއިތުވި ދުވަސްތަކުގައި ވަރަށް ގިނަ ކޮށްފައެވެ. އަދި ޔަހޫދީން މިހާރު ދެމުންދާ ހަމަލާތައް ވަނީ ކުރިއަށް ވުރެ ވަރުގަދަ ވެސް ކޮށްފައެވެ.

ޔަހޫދީންގެ އަސްކަރިއްޔާ އިން މިހާރު ދަނީ ފަލަސްތީނުގެ ރަފާހް އަށް އެއްގަމު މަގުން އަރަން ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ކަމަށް އިސްރާއީލުގެ ސަރުކާރުގެ އިސްވެރިން ވަނީ ބުނެފައެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ރަފާހް އަށް ދެމުންދާ ހަމަލާތަކުގައި މީހުން ދިރިއުޅޭ ގެ އަކަށް ދިން ހަމަލާއެއްގައި އެއް އާއިލާގެ 7 މެންބަރުން ވަނީ ޝަހީދުކޮށްލާފައެވެ. ޔަހޫދީންގެ އަނިޔާވެރިކަމާއި ދެކޮޅަށް އެމެރިކާ އާއި ދުނިޔޭގެ އެކި ގައުމުތަކުގައި މުޒާހަރާ ކުރުން ވަނީ އިތުރުވެފައެވެ.