ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާގެ ހަމަލާތަކުން ސުންނާފަތިވެފައިވާ ފަލަސްތީނުގެ ޣައްޒާގައި ނުރައްކާތެރި ބައްޔެއް ކަމަށްވާ ހެޕަޓައިޓިސް ހަލުވިކަމާއި އެކީ ފެތުރެމުންދާ ކަމަށް ޣައްޒާގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ހަމާސް ޖަމާއަތުން ކޮންޓްރޯލް ކުރާ ޣައްޒާގެ ސަރުކާރުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެކަށީގެންވާ އިންސާނީ ޒަރޫރީ އެހީ ނުލިބޭ ކަމަށާއި ޣައްޒާގެ ސާފުތާހިރުކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.

ޔަހޫދީ އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން މެދުނުކެނޑި ދެމުންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް މަޖުބޫރުވެފައި ވަނީ ވަގުތީ ކޭމްޕުތަކުގައި ދިރިއުޅޭށެވެ. ޣައްޒާގެ އުތުރުގައި ވެސް މިލިއަނެއްހާ މީހުން ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅެމުންދާ ކަމަށާއި މިހާ ކުޑަ ތައްކޮޅެއް ގައި މިހާ ގިނަ މީހުން ދިރިއުޅެން ޖެހިފައިވުމުގެ ސަބަބުން ސާފުތާހިރުކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ވެސް ޣައްޒާގެ ސިއްހަތާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ޣައްޒާގެ ނަރުދަމާގެ ނިޒާމު އެއްކޮށް ހަލާކުވެފައި ވާ ކަމަށާއި، ޖަންކުޝަން ތައް ފުރިގެން މަގުތަކަށް ނަޖިސް އެޅިފައިވާ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި ބޯނެ ސާފު ފެން ނުލިބުމުގެ ސަބަބުން ވެސް ބަލިތައް ފެތުރުމަށް މަގު ފަހިވާކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ފަލަސްތީނުގެ ޣައްޒާގެ ސިއްހަތާއި ބެހޭ ވުޒާރާއިން ވަނީ ފުރަމެޔަށް ޖެހޭ ބައްޔެއް ކަމަށްވާ ހެޕަޓައިޓިސް އާއި ސިކުނޑީގެ އިންފެކްޝަނެެއް ކަމަށްވާ މެނިންޖައިޓިސް ބަލި ޣައްޒާގައި ހަލުވިކަމާއި އެކީ ފެތުރެމުންދާތީ މި ބަލިތައް ޣައްޒާގައި ކޮންޓްރޯލް ކުރުމަށް ބައިނަލް އަޤްވާމީ މުޖުތަމައުގެ އެހީތެރިކަމަށް އެދިފައެވެ.

ޣައްޒާގައި ސިއްހީ ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ އިންޒާރު ޑޮކްޓަރުންނާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން ދޭ ތާ މިހާރު އެތައް މަހެއް ވަނީ ވެފައެވެ. އަދި ޔަހޫދީ އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ސިއްހީ ނިޒާމު ހަލާކުވެފައިވާތީ ބަލިމަޑުކަމެއް ފެތުރިގެންދާ އިރު އެކަމުގެ ސަބަބުން ގިނަ އަދަދެއްގެ ބައެއްގެ ސިއްހަތު ގޯސްވެގެންދާނެ ކަމުގެ އިންޒާރު ވެސް ޑޮކްޓަރުން ވަނީ ދީފައެވެ.