ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެކްސިން ޖެހުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ފާއިތުވި 50 އަހަރުގެ ތެރޭގައި މަދުވެގެން 154 މިލިއަން މީހުންގެ ފުރާނަ ސަލާމަތްވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)އިން ބުނެފިއެވެ.

އެ ޖަމިއްޔާއިން ބުނެފައިވާގޮތުގައި އޭގެ ފައިދާ ލިބޭ މީހުންގެ ތެރޭގައި ގިނައީ ތުއްތު ކުދިންނެވެ.

މިއީ ބައި ގަރުނުގެ ކޮންމެ އަހަރެއްގެ ކޮންމެ މިނެޓަކުން ސަލާމަތްކުރި ހަ ފުރާނައާ އެއްވަރުގެ އަދަދެއް ކަމަށް އދ.ގެ ސިއްހަތާ ބެހޭ އިދާރާއިން ބުނެފައި ވެއެވެ.

ލެންސެޓްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ޑަބްލިއުއެޗްއޯއިން ވަނީ އަންނަ މަހު 50 އަހަރު ފުރުން ފާހަގަކުރާ އެކްސްޕެންޑެޑް ޕްރޮގްރާމް އޮން އިމިއުނައިޒޭޝަން (އީޕީއައި) ގެ ދަށުން ބޭނުންކުރާ 14 ވެކްސިނެއްގެ އަސަރު ވަރަށް ފުޅާ ދާއިރާއެއްގައި ދިރާސާކޮށްފައެވެ.

ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވެކްސިންއަކީ ތާރީހުގައި ވެސް އުފެއްދި އެންމެ ބާރުގަދަ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ، އޭގެ ސަބަބުން ކުރިން ބިރުގަންނަ ބަލިތަކުން ރައްކާތެރިވެވޭނެ އެއްޗެއް ކަަމަށެވެ.

"ވެކްސިންގެ ސަބަބުން ސްމޯލްޕޮކްސް ނައްތާލެވިއްޖެ، ޕޯލިއޯ އޮތީ ވަރަށް ބޮޑަށް ހީނަރުވެފައި، މެލޭރިއާ އާއި ސާވައިކަލް ކެންސަރު ފަދަ ބަލިތަކާ ދެކޮޅަށް ވެކްސިނެއް އެންމެ ފަހުން އުފެއްދުމާ އެކު، ބަލިތަކުގެ ރޮނގުތައް ފަހަތަށް ޖައްސަމުން މިދަނީ،". އޭނާ ވިދާޅުވިއެވެ.

އަދި ދެމެހެއްޓެނިވި ދިރާސާތަކާއި އިންވެސްޓްމަންޓާއި އެއްބާރުލުން ދީގެން މިއަދުވެސް އަދި ކުރިއަށް އޮތް 50 އަހަރުގެ ތެރޭގައި ވެސް އެތައް މިލިއަން ބައެއްގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ދިރާސާގައި ބުނެފައި ވަނީ ވެކްސިން ޖެހުމުން ސަލާމަތްކުރި ފުރާނަތަކުގެ ތެރެއިން 101 މިލިއަން ފުރާނަ އަކީ ތުއްތު ކުދިން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރާއްޖެތެރެ މީހާ

    ކޮވިޑު ވެކުސިން ޖެހިފަހުން މިގައުމުގެ ގިނަ ޒުވާނުންނަށް ސިއްހީ މައްސަލަތައް ދިމާވެ ގިނަބައެއްގެ ފުރާނަ ގެއްލެމުން ދަނީ
    މިކަމާބެހޭގޮތުން ވާހަކަ ދައްކާލާނެ މީހަކުވެސް އަދި މިކަމުގެ ދިރާސާއެއ ކޮއްލާނެ ޖަމުއިއްޔާއެއްވެސް މިގައުމުގަ ނެތީބާ