މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތާއި ދެކޮޅަށް ފަލަސްތީނުގެ ޣައްޒާގައި ދެމުންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާ އިން އެއްލައްކަ އަށް ވުރެ ގިނަ މީހުން މިސްރަށް ހިޖުރަކޮށްފައިވާ ކަމަށް ފަލަސްތީނުން މިސްރަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑިއަބް އައްލޯ ވިދާޅުވެއްޖެއެވެ.

މިސްރުގެ ވެރި ރަށް ގާހިރާގައި ހުންނަވައިގެން އޭއެފްޕީ ނޫހަށް ދެއްވި ހާއްސަ އިންޓަވިއު އެއްގައި ސަފީރު ޑިއަބް ވިދާޅުވީ މިސްރަށް ދާން އޮންނަނީ ހަމަ އެކަނި ރަފަހް ބޯޑަރު ހުރަސް ކަމަށާއި އެ ތަނުގެ ފުރިހަމަ ބާރު އޮންނަނީ އިސްރާއީލުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި ކަމަށެވެ.

މިސްރުން ބެނެފައިވަނީ ފަލަސްތީނުގެ ޣައްޒާގެ ރެފިއުޖީން މިސްރަށް އައުން އެއީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެއީ 1948 ގައި ވެސް ކަން ހިނގިގޮތް ކަމަށާއި އޭރު ވެސް އިސްރާއީލުގެ ދައުލަތެއް އުފެދުމާއި ގުޅިގެން މިލިއަނުން ރެފިއުޖީން މިސްރަށް އައި ކަމަށާއި އެކަމުގެ ސަބަބުން އިސްރާއީލަށް ފަލަސްތީނުގެ ބިންތައް ފޭރެން ފަސޭހަ ވެގެން ދިޔަ ކަމަށް މިސްރުން ބުނެފައި ވެއެވއ. ނަމަވެސް މި ފަހަރު އެހެން ވެގެން ނުވާނެ ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް ފަލަސްތީނުގެ ބިމުގައި ސުލްހަވެރިކަމާއި އެކީ ދިރިއުޅުމުގެ ހައްޤު ލިބިގެންވާ ކަމަށްވެސް މިސްރުން ވަނީ ބުނެފައެވެ.

މިސްރުން ވަނީ ފަލަސްތީނުގެ ޣައްޒާ އާއި މިސްރާއި ގުޅޭ ސަރަހައްދީ އިމުގައި އިތުރަށް ސަލާމަތީ ކަން ކަން ވަރުގަދަ ކޮށްފައެވެ. އެ ގޮތުން ދަގަނޑު ފެންސާއި ކޮންކުރީޓް ބުލޮކް ތަކުން ބޯޑަރު ވަނީ ބަންދުކޮށްފައެވެ.