ފާއިތުވި 24 ގަޑިއިރު ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 51 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ 51 މީހުން ޝަހީދު ވެފައިވަނީ އިސްރާއީލުން އެގައުމުގެ ކޮން ސަރަހައްދަކަށް ދިން ހަމަލާއެއްގައި ކަމެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް އެމީހުންނާއި އެކީ މިދިޔަ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއިން ޝަހީދުވީ މީހުންގެ އަދަދު ވަނީ 34،356 އަށް އަރާފައި ކަމަށް އެ ޣައްޒާގެ ހެލްތް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.

ޓެލެގްރާމްގައި ޣައްޒާގެ ސިއްހަތާއި ބެހޭ ވުޒާރާއިން އާންމު ކޮށްފައިވާ ބަޔާނެއް ގައި ބުނެފައިވަނީ ފާއިތުވި ދުވަހު އިސްރާއީލުގެ އަސްކަރިއްޔާގެ ހަމަލާތަކުގައި 75 މީހުން ޒަހަމް ވެފައިވާ ކަމަށާއި، ޒަހަމް ވެފައިވާ މީހުންގެ ޖުމްލަ އަދަދު 77،368 އަށް އިތުރު ވެފައިވާ ކަމަށެވެ.

އޭގެ އިތުރުން އެ ވުޒާރާއިން ބުނެފައިވަނީ މީހުން ސަލާމަތް ކުރާ މީހުންނަށާއި އެމްބިއުލާންސް ތަކަށް އިސްރާއީލު ސިފައިން ހުރަސް އަޅަމުން ދާތީ އެތައް ބަޔަކު އަދިވެސް ބިމާއި ހަމަވެފައިވާ އިމާރާތްތަކުގެ ބައިތަކުގެ ދަށުގައި އަދި މަގުތައް މަތީގައި އެބަތިބި ކަމަށެވެ.

ބަނޑުހައިހޫނުކަމާއި ހަށިގަނޑުން ފެން މަދުވުމުގެ ސަބަބުން ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލުގައި ގިނަ އަދަދެއްގެ ތުއްތު ކުދިން ވަނީ ޝަހީދުވެފައެވެ. ރިޕޯޓްތަކުން ބުނެފައިވާ ގޮތުގައި އެގޮތަށް ޝަހީދުވި ކުދިންގެ އަދަދު ވަނީ 30 އާއި ގާތްކޮށްފައެވެ.