ނިރުބަވެރި އިސްރާއީލުން މިދިޔަ ހޮނިހިރު ދުވަހު ދުވަހު ޝަހީދުކޮށްލި ޣައްޒާގެ މާބަނޑު އަންހެން މީހާގެ ތުއްތު ދަރިފުޅު ވެސް ޝަހީވެއްޖެއެވެ.

ނިރުބަވެރިން އެ އަންހެން މީހާ ޝަހީދުކޮށްލާފައިވަނީ އޭނާ ދިރިއުޅެމުން ދިޔަ ރަފާހަށް ދިން ހަމަލާއެއްގައެވެ. މި ހަމަލާއާއި ގުޅިގެން އޭނާއަށް ރަފާހުގައި ހުންނަ ކުވެއިތު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް ޝަހީދުވެފައިވާއިރު، ޑޮކްޓަރުންނަށް ވަނީ އޭނާގެ ދަރިފުޅު ސަލާމަތް ވެވިފައެވެ.

ފަލަސްތީނުގެ މީޑިއާތަކުން ބުނާ ގޮތުގައި އެއަންހެން މީހާ ޝަހީދުކޮށްލިއިރު، އޭނާގެ ބަނޑަށް 9 މަހެވެ. އޭނާގެ އިތުރުން އެ ހަމަލާގައި އިތުރު ދެމީހަކު ވެސް ޝަހީދުކޮށްލާފައެވެ.

މި ހާދިސާގައި މާބަނޑު އަންހެން މީހާގެ ދަރިފުޅު ސަލާމަތް ކުރި ނަމަވެސް މިއަދު ރިޕޯޓްތަކުން ވަނީ އެ ކުއްޖާ ޝަހީދުވެފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.

ކުއްޖާއަށް ފަރުވާ ދެމުން ދިޔަ ޑޮކްޓަރާއި އާއިލާގެ މީހަކާއި ހަވާލާދީ ރިޕޯޓްތަކުން ބުނީ އަންހެން މީހާއަށް ލިބިފައިވަނީ އަންހެން ކުއްޖެއް ކަމަށާއި އެކުއްޖާ ޝަހީދުވެފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

ސަބްރީން އަލް-ރޫހު ޖޫދާ، މަންމަގެ ބަނޑުން ނެގުމަށްފަހު، ޑޮކްޓަރުން އެކުއްޖާއަށް ފަރުވާ ދެމުން ގޮސްފައިވަނީ އެންއައިސީޔޫގައެވެ. ޑޮކްޓަރުން ބުނާ ގޮތުގައި އެކުއްޖާ 9 މަހުން އުފަންވި ނަމަވެސް ކުއްޖާގެ ނޭވާލާ ނިޒާމު ރަނގަޅަށް ނޫފެދޭ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ކުއްޖާ ޝަހީދުވުމާއި ގުޅިގެން އެކުއްޖާ ވަޅުލާފައިވަނީ ކުއްޖާގެ މަންމަގެ މަހާނަ ކައިރީގައެވެ.