ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ސްކޫލެއް ކައިރިއަށް ހަމަލާދީ ތިން މީހަކު ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގެ އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތަކުން ބުނާ ގޮތުގައި ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލުން ހަމަލާދީފައިވަނީ ޚާން ޔޫނިސްގެ ހުޅަނގުގައި އޮންނަ ޖަޕަނީސް ސަރަހައްދެއްގައި ހުންނަ ފައިސަލް ސްކޫލަށެވެ.

މި ހަމަލާގައި ތިން މީހަކު ޝަހީދުވެފައިވާކަން މީޑިއާތަކުން ކަށަވަރުކޮށްދިން ނަމަވެސް އެ ހަމަލާގައި ލިބުނު އިތުރު ގެއްލުންތަކުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ގައްޒާއިން 34،356 މީހަކު ޝަހީދުވެފައިވާއިރު، ފާއިތުވި 24 ގަޑިއިރު ނިރުބަވެރިން ވަނީ ޣައްޒާގެ 51 މީހަކު ޝަހީދުކޮށްލާފައެވެ. އަދި 72 މީހަކަށް އެކިވަރުގެ ޒަހަމްތައް ދީފައިވާއިރު، މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވަނީ 77،368 އަށް އަރާފައެވެ.

ނިރުބަވެރިންނާއި ޣައްޒާއާއި ދެމެދު ހިނގަމުން އަންނަ ހަމަލާތަކަކީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުގެ ހަމަލާތަކުން ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރުމަށް ހަމާސް ޖަމާއަތުން ދިން ހަމަލާއާއި ގުޅިގެން ބަދަލުހިފުމުގެ ގޮތުން މިހާރު ދެމުން އަންނަ ހަމަލާތަކެވެ.