އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ، ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވާކަން ހާމަކުރެއްވިތާ ދެ މަސް ފަހުން، އަންނަ ހަފުތާގައި މަސްއޫލިއްޔަތު އަދާކުރައްވަން ފައްޓަވާނެކަމަށް ބަކިންހަމް ޕެލަސްއިން ބުނެފިއެވެ.

އުމުރުފުޅުން 75 އަހަރުގެ ރަސްގެފާނުގެ އަރިހުގައި އަނބިކަނބަލުން ރާނީ ކެމީލާ އަންގާރަ ދުވަހު ކެންސަރަށް ފަރުވާދޭ މަރުކަޒަކަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އެތަނުން މެޑިކަލް ސްޕެޝަލިސްޓުންނާއި ބަލިމީހުންނާ ބައްދަލުކުރައްވާނެ ކަމަށް ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ޝާހީ މަސްދަރަކުން ބުނީ ރަސްގެފާނުގެ ހާލަތާއި ފަރުވާގެ ޕްލޭނަށް ހާއްސަ އިތުރު ތަފްސީލެއް ހިއްސާ ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
ނަމަވެސް ބަކިންހަމް ޕެލަސްގެ ތަރުޖަމާނު ވިދާޅުވީ މަސްއޫލިއްޔަތުތައް އަލުން ފަށައިގަތުމުން ރަސްގެފާނަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭ ކަމަށާއި މެޑިކަލް ޓީމުން ދެމުން ގެންދާ އަޅާލުމާއި ތަޖުރިބާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.
ހުކުރު ދުވަހުގެ އިއުލާނާއެކު، މިދިޔަ މެއި މަހު ލަންޑަންގެ ވެސްޓްމިންސްޓާ އެބީގައި މި ދެމަފިރިންނަށް ތާޖު ލިބުނުތާ އެއް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ނެގި ރަސްގެފާނާއި ރާނީގެ އާ ފުޓޯ ވެސް ވަނީ އާންމުކޮށްފައެވެ.
އިނގިރޭސިވިލާތުގެ އެންމެ ޝަރަފުވެރި އެއް ޕޯޓްރޭޓް ފޮޓޯގްރާފަރު މިލީ ޕިލްކިންގްޓަން މި ފޮޓޯ ނަގާފައިވަނީ މި ދެބޭފުޅުންގެ ކައިވެނީގެ 19 ވަނަ އަހަރީ ދުވަހުގެ ހެނދުނު، އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބަކިންހަމް ޕެލަސްގެ ބަގީޗާތަކުގެ ތެރޭގަ އެވެ. އުމުރުން 76 އަހަރުގެ ކެމީލާ ލައިގެން ހުރީ އިންޑިގޯ ޑޭ ޑްރެސްގައި ކުޓޫރިއާ ފިއޯނާ ކްލެއާގެ ވެލްވެޓް ޑިޓެއިލް އެވެ.
ގަނޑުވަރުގެ ތަރުޖަމާނު ވިދާޅުވީ ރަސްގެފާނު ފަރުވާ ކުރިއަށް ގެންދަވާނެ ކަމަށާއި ނަމަވެސް މިހާތަނަށް ލިބިފައިވާ ކުރިއެރުންތަކާ މެދު ޑޮކްޓަރުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި، މަސްއޫލިއްޔަތުތައް އަލުން ފެށުމުގެ ފުރުސަތު ދެއްވި ކަމަށެވެ.
ތަރުޖަމާނު ވިދާޅުވީ ރަސްގެފާނުގެ ފަރުވާ ކުރިއަށް ދާނީ ކިހާ ދުވަހަކަށް ކަމެއް ބުނަން އަދި އަވަސް ކަމަށާއި ނަމަވެސް މިހާރު ރަނގަޅުވަމުން އަންނަ ގޮތާ މެދު އޭނާގެ މެޑިކަލް ޓީމު "ޕޮޒިޓިވް" ކަމަށެވެ. އަދި އޭނާގެ ކުރިއަށް ހުރި އިވެންޓްތައް، އޭނާގެ ރިކަވަރީއަށް ހުރި ނުރައްކާތައް ކުޑަކުރުމަށް ޓަކައި ކޮންމެހެން ބޭނުންވެއްޖެ ހިނދެއްގައި ބަދަލުތައް ގެންނަވާނެ ކަމަށެވެ.