ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ އުދުވާނީ ހަމަލާތަކުގެ ސަބަބުން އުތުރު ޣައްޒާގެ ފެން ވަޅު ތަކުގެ ތެރެއިން 70 އިންސައްތަ ފެން ވަޅުތައް ބޭނުން ނުކުރެވޭ ވަރަށް މިހާރު ވަނީ ހަލާކުވެފައި ކަމަށް އުތުރު ޤައްޒާގެ ބެއިތް ލަހިޔާގެ މޭޔަރު ވިދާޅުވެއްޖެއެވެ.

އުތުރު ޣައްޒާގައި އެންމެ ބޮޑަށް ހަމަލާތައް އަމާޒުވަމުންދާ ބެއިތް ލަހިޔާގެ މޭޔަރު އަލާ އަލް އައްތާރު ވިދާޅުވެފައި ވަނީ ޔަހޫދީ އަނިޔާވެރި އަސްކަރިއްޔާގެ އުދުވާނީ ހަމަލާތަކުގައި ސާފު ބޯފެން ލިބޭނެ ވަޅުތަކުގެ ތެރެއިން 70 އިންސައްތަ ވަޅާއި ރައްކާތެރި ކަމާއި އެކީ ނަޖިސް ނައްތާލަން ހަދާފައިވާ ނަރުދަމާ ނިޒާމްގެ 50 އިންސައްތަ ހޮޅިތައް ވެސް ހަލާކުވެފައިވާ ކަމަަށެވެ.

ޣައްޒާ އަށް ކާބޯތަކެތި ލިބުމުގެ އެންމެ އިސް ދައުރެއް އަދާ ކުރަނީ ބެއިތް ލަހިޔާގެ ދަނޑުބިންތައް ކަމަށާއި ނަމަވެސް ޔަހޫދީން ވަނީ ދަނޑުބިން ތަކަށް ހާއްސަކޮށްގެން ހަމަލާތަކެއް ދީ އެ ދަނޑުބިންތައް ވެސް ހަލާކުކޮށްލާފައި ކަމަށް މޭޔަރު އަލާ ވަނީ އަނަދަލޯ ނިއުސް އެޖެންސީ އަށް ދިން އިންޓަވިއު އެއްގައި ވިދާޅުވެފައެވެ.

ފަލަސްތީނަށް އެހީދޭ ޖަމިއްޔާތަކުން ވަނީ ޣައްޒާގައި ސާފު ބޯފެން ލިބުން ދަތިވުމުންނާއި މަގުތަކަށް ނަޖިސް ބޭރުވެ އޭގެ ނޭދެވޭ އަސަރު ޣައްޒާގެ ރައްޔިތުންނަށް ކުރަމުންދާ ކަމަށް ބުނެފައެވެ. އެ ގޮތުން ނުރައްކާތެރި ބަލިތަކުގެ ތެރެއިން ހެޕަޓައިޓަސް ފަދަ ބަލިތައް ވަރަށް ހަލުވި ކަމާއި އެކީ ޣައްޒާގައި ފެތުރެމުންދާ ކަމުގެ އިންޒާރު ވެސް އެ ޖަމިއްޔާތަކުން ވަނީ ދީފައެވެ.