ޕާކިސްތާނުގެ ކަރާޗީއަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ އައިޝާ ރަޝީދު އިންޑިއާގެ ޗެންނާއީގައި ކާމިޔާބުކަމާއެކު ހިތުގެ ޓްރާންސްޕްލާންޓެއް ހަދައިފިއެވެ.

އައިޝާގެ ސިއްޙީ މައްސަލަތައް ފެށުނީ 2019 ވަނަ އަހަރު ކަރާޗީގައި ހިތުގެ ކުރިން ހުރި ބައްޔެއްގެ ސަބަބުން ކާޑިއެކް އެޓޭކެއް ޖެހިގެންނެވެ. ހާއްސަ ފަރުވާއެއް ހޯދުމަށް ޗެންނާއީއަށް އޭނާ ދިޔައީ މެޑިކަލް އިވެލުއޭޝަނަށެވެ. ނަމަވެސް އޭނާގެ ސިއްޙީ މައްސަލަތައް އަނެއްކާވެސް ކުރިމަތިވުމުން 2023 ވަނަ އަހަރުގެ ޖޫން މަހު އެނބުރި ޗެންނާއީއަށް ދިޔައެވެ.

ފަރުވާ ހޯދުމުގެ އަޒުމް ކަނޑައެޅި ނަމަވެސް އައިޝާއަށް މާލީ ގޮތުން ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. އޭނާގެ ހާލު ދެނެގަނެ، ޗެންނާއީގެ އެމްޖީއެމް ހެލްތްކެއާގެ މަޝްހޫރު ޗީފް އޮފް ހާޓް ޓްރާންސްޕްލާންޓް ޑރ ކޭއާރް ބާލަކްރިޝްނަން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމަވާ، ޗެންނާއީގެ ހެލްތް ކެއާ ޓްރަސްޓް އައިޝްވަރަމްއާ ގުޅިގެން އައިޝާއަށް އުއްމީދުގެ އަލިކަމެއް ގެނެސްދީފައެވެ.

ޖެނުއަރީ 31، 2024 ގައި ދިއްލީއިން ޗެންނާއީއަށް ހިތެއް ގެންގޮސް، އައިޝާގެ ފުރާނަ ސަލާމަތްކޮށްދޭ ޓްރާންސްޕްލާންޓް ސާޖަރީއަށް މަގު ފަހިކޮށްދިނެވެ. އަދި ސާޖަރީ ވެސްކޮށްދިނެވެ.
"މި ކުއްޖާ އެންމެ ފުރަތަމަ އަހަރެމެންގެ ގާތަށް އައީ 2019 ވަނަ އަހަރު، އެ ކުއްޖާ އައިތާ މާ ގިނަ އިރުތަކެއް ނުވަނީސް އޭނާގެ ހިތް ހުއްޓިގެން ދިޔައީ. ސީޕީއާރު ހަދައިގެން އާޓިފިޝަލް ހާޓް ޕަމްޕެއް ބަހައްޓަން ޖެހުނެވެ. އެއާއެކު ރަނގަޅުވެ އެނބުރި ޕާކިސްތާނަށް ދިޔައީ، ދެން އަނެއްކާވެސް ބަލިވެ، ހާޓް ފެއިލްވެ، ތަކުރާރުކޮށް ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހުނީ، އަދި އެ ގައުމުގައި (ޕާކިސްތާނުގައި) އެއީ ފަސޭހަ ކަމެއް ނޫން، ސަބަބަކީ ބޭނުންވާ ސާމާނު އެތަނުގައި ނެތުމުން އަދި އެމީހުންގެ އަތުގައި ފައިސާ ނެތުމުން،" އިންސްޓިޓިއުޓް އޮފް ހާޓް އެންޑް ލަންގް ޓްރާންސްޕްލާންޓް އެންޑް މެކޭނިކަލް ސާކިއުލޭޓަރީ ސަޕޯޓްގެ ޗެއާމަން ޑރ ކޭއާރް ބާލަކްރިޝްނަން ވިދާޅުވިއެވެ.
އިންސްޓިޓިއުޓް އޮފް ހާޓް އެންޑް ލަންގް ޓްރާންސްޕްލާންޓް އެންޑް މެކޭނިކަލް ސާކިއުލޭޓަރީ ސަޕޯޓްގެ ކޯ-ޑައިރެކްޓަރު ޑރ ސުރޭޝް ރާއޯ ވެސް ވަނީ ހިތުގެ ޓްރާންސްޕްލާންޓް ކުރުމުގައި ޗެންނާއީގެ އިސްކަން ފާހަގަކުރައްވައި، ދުނިޔޭގެ ފެންވަރުގައި އިންޑިއާގެ ސިއްހީ ގާބިލްކަން ފާހަގަކުރައްވާފައެވެ.
ސާޖަރީއަށްފަހު، މުސްތަގުބަލުގައި ފެޝަން ޑިޒައިނަރަކަށް ވުމަށް އެދޭ އައިޝާ ރަޝީދު އިންޑިއާ ސަރުކާރަށާއި ޑޮކްޓަރުންނަށް ޝުކުރު އަދާކޮށް އެނބުރި އިންޑިއާއަށް ދާން ބޭނުންވާކަން ވަނީ ހާމަކޮށްފައެވެ.
"ވަރަށް އުފާވޭ ޓްރާންސްޕްލާންޓެއް ލިބުނީމަ. އިންޑިޔާ ސަރުކާރަށް ޝުކުރު ދަންނަވަން. ޔަގީނުން ވެސް އަނެއްކާ ވެސް ކޮންމެވެސް ދުވަހަކުން އެނބުރި އިންޑިއާއަށް އަންނާނަން. ޑޮކްޓަރުންނަށް ވެސް ޝުކުރު އަދާކުރަން ފަރުވާއަށް،" އައިޝާ ރަޝީދު އޭއެންއައި އަށް ބުންޏެވެ.
އައިޝާގެ މަންމަ ސަނޯބަރް އޭނާގެ ދަތުރު ހިއްސާކޮށް، އެ މީހުންނަށް ކުރިމަތިވި ގޮންޖެހުންތަކާއި، ޑރ. ބަލަކްރިޝްނަން އާއި ޗެންނާއީގެ މެޑިކަލް ޓީމުން ވެދިން އެހީ ފާހަގަކުރިއެވެ. އަދި އޭނާގެ އަންހެން ދަރިފުޅު އިންޑިއާގައި ކާމިޔާބު ކަމާއެކު ޓްރާންސްޕްލާންޓު ކުރުމުން އުފާވާ ކަމަށް ވެސް ބުންޏެވެ.
އިންޑިއާގައި އައިޝާގެ ކާމިޔާބު ހާޓް ޓްރާންސްޕްލާންޓް ހެދުމުން އިންޑިއާގެ ސިއްހީ ދާއިރާއަށް ލިބިފައިވާ ކުރިއެރުންތަކުގެ އިތުރުން މެޑިކަލް ކޮމިއުނިޓީގައި ބައިނަލްއަގްވާމީ އެއްބާރުލުމާއި އޯގާތެރިކަމުގެ ރޫހު ދައްކުވައިދީފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.