އިރާގުގެ ޓިކްޓޮކް ތަރިއެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފިއެވެ.

އިރާގުގެ މިއުޒިކާއި އެކީ ނަށާ މަޝްހޫރު ވީޑިއޯތައް ހެދި ސޯޝަލް މީޑިއާ އިންފްލުއެންސަރެއް ކަމަށްވާ އޯމް ފަހާދު މަރާލާފައިވަނީ ޒަޔޯނާ ޑިސްޓްރިކްޓްގައި އޭނާގެ ގޭގެ ބޭރުގައި ބަޑިން ހަމަލާދީގެންނެވެ.

ސަލާމަތީ އޮފިޝަލަކު އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހަމަލާދިން މީހާ ފެންނަނީ ކާބޯތަކެތި ޑެލިވަރީ ކުރާ ކަމަށް ހެދިގެން ހުއްޓާ ކަމަށެވެ.

އެގައުމުގެ ދާޚިލީ ވުޒާރާއިން ބުނީ އެ މަރާ ގުޅިގެން ތަހުގީގު ކުރުމަށް ހާއްސަ ވޯކް ޓީމެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ.

ފަހާދުގެ މައްޗަށް މީގެ ކުރިން 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހަ މަސް ދުވަހުގެ ޖަލު ހުކުމެއްވެސް ވަނީ އިއްވާފައެވެ. އޭނާގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައިވަނީ އާންމު އަޚްލާގަށް އުނިކަން އަންނަ ފަދަ ހުތުރު ވާހަކަތައް ހިމެނޭ ވީޑިއޯތަކެއް ޝެއާރކޮށްގެންނެވެ.

ފަހަކަށް އައިސް އިރާގުގެ ސޯޝަލް މީޑިއާގެ ގިނަ ތަރިންތަކެއް ވަނީ މަރާލާފައެވެ.

އެގޮތުން މިދިޔަ ފެބްރުއަރީ މަހު ދިވާނީޔާ ސިޓީގައި "ސިމްސިމް" ނަމަކަށް ކިޔާ ޓްރާންސް ބްލޮގަރެއްގެ ގަޔަށް ވަޅި ހަރައި ވަނީ މަރައިލާފައެވެ. އަދި މޮޑެލްއެއް ކަމަށްވާ ތާރާ ފަރެސް ވަނީ 2018 ވަނަ އަހަރު ބަޤުދާދުގައި މަރާލާފައެވެ.