ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ޝަހީދުކޮށްލި ނޫސްވެރިންގެ އަދަދު 140 އަށް އަރައިފިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުގެ އަނިޔާވެރިކަމުން ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރުމަށް ހަމާސް ޖަމާއަތުން ދިން ހަމަލާއާއި ގުޅިގެން އިސްރާއީލާއި ހަމާސް ޖަމާއަތާއި ދެމެދު ކުރެވެމުން އަންނަ ހަނގުރާމައިގައި ނޫސްވެރިން އަންނަނީ އެ ހަމަލާ އެންމެ ގާތުން ބަލައި، މުޅި ދުނިޔެއަށް ހަނގުރާމައިގެ މައުލޫމާތު ފޯރުކޮށްދެމުންނެވެ.

ހަނގުރާންމަތީ މައިދާންތަކުގައި ތިބެގެން ވަގުތުން މައުލޫމާތު ފޯރުކޮށްދެމުން އަންނައިރު، ފާއިތުވި 24 ގަޑިއިރު ނިރުބަވެރިން ވަނީ ދެ ނޫސްވެރިއަކު ޝަހީދުކޮށްލާފައެވެ. މި ދެ ނޫސްވެރިންނާއި އެކީ ހަނގުރާމައިގެ ތެރޭގައި ޝަހީދުކޮށްލި ނޫސްވެރިންގެ އަދަދު ވަނީ 140 އަށް އަރާފައެވެ.

ނޫސްވެރިންނާއި ދެކޮޅަށް ވެސް ނިރުބަވެރި އިސްރާއީލުން ހަމަލާތައް ދޭ ކަމަށް ބައެއް ރިޕޯޓްތަކުން ބުނި ނަމަވެސް އިސްރާއީލުން ވަނީ އެކަން ދޮގުކޮށްފައެވެ. ނަމަވެސް މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ވެސް ނިރުބަވެރި އިސްރާއީލުން ނޫސްވެރިންގެ ކާޑާއި ވެސްޓް އަޅައިގެން ތިބޭ ނޫސްވެރިންގެ ގަޔަށް ބަޑި ޖަހާ ޝަހީދުކޮށްލާ މަންޒަރު ވެސް ފެނިގެންދެއެވެ.

ނޫސްވެރިންނަށް ހަމަލާ ނުދޭ ކަމަށް އިސްރާއީލުން ބުނާއިރު، އާންމު ރައްޔިތުންނަށް ވެސް ހަމަލާ ނުދޭ ކަމަށް ނިރުބަވެރިން ވަނީ ބުނެފައެވެ. ނަމަވެސް މި ހަނގުރާމައިގެ ތެރޭގައި ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިންނަށްވުރެ ގިނައިން ޝަހީދުވެފައިވަނީ ވެސް ފަލަސްތީނުގެ ކުށެއް ނެތް އާންމު ރައްޔިތުންކަން އެނގެއެވެ. އޭގެ ތެރޭގައި ވެސް ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.