އޮމާންގެ އަލްދާކިލިއްޔާ ގަވަރުނަރޭޓްގައި ހުންނަ ނިޒްވާ ހޮސްޕިޓަލްގެ ބޭރުގައި އިއްޔެ ހިނގި އެކްސިޑެންޓެއްގައި ތިން ނަރުހަކު މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ހިސާބުގެ ހައިވޭ ހުރަސްކުރާނެ ފުރުސަތެއްގެ އިންތިޒާރުގައި ތިބި ތިން ނަރުހަކު މަރުވީ، ހޮސްޕިޓަލުގައި ޝިފްޓް ނިންމާލުމަށްފަހު އެނބުރި އެކޮމޮޑޭޝަނަށް ދިޔަ މަގުމަތީގައެވެ.

މި އެކްސިޑެންޓްގައި އެކުގައި ދިޔަ ނަރުހުންގެ ގްރޫޕެއްގައި ހިމެނޭ އިތުރު ދެ ނަރުހަކަށް ވެސް ވަނީ އަނިޔާވެފައެވެ.

ސީސީޓީވީ ފުޓޭޖުން ފެންނަނީ މި ނުރައްކާތެރި އެކްސިޑެންޓް ހިނގުމުގެ ކުރިން ނަރުހުން މަގު ކައިރީގައި ތިއްބާއެވެ.

އޮމާންގެ ދާޚިލީ ވުޒާރާއިން ވަނީ އެމީހުންގެ ރަސްމީ "އެކްސް" ޕްލެޓްފޯމް އެކައުންޓް މެދުވެރިކޮށް ތައުޒިޔާ ފާޅުކޮށް، މި ހާދިސާގައި ބަޔަކު މަރުވިކަމާއި ޒަހަމްވިކަން ކަށަވަރުކޮށްދީފައެވެ.

އެކްސިޑެންޓްގައި ހިމެނޭ ޑްރައިވަރުންގެ ހާލަތާއި ގުޅޭގޮތުން އަދި އިތުރު މައުލޫމާތެއް ނުލިބޭ ކަމަށް ވެއެވެ.