އިންޑޮނޭޝިއާގެ ޖަކާޓާ އިން ފުރައިގެން އިއްޔެ ހެނދުނު ސްމަޓްރާ އަށް ދަތުރު ކުރަމުން ދަނިކޮށް ވެއްޓުނު ލަޔަން އެއާ ފްލައިޓް ތެރޭގައި އެންމެ ފަހު ވަގުތުކޮޅު ނެގި ވީޑިއޯކަމަށް ބުނާ ވީޑިއޯއަކީ މާ ކުރީގެ ވީޑިއޯއެއްކަން ހާމަވެއްޖެއެވެ.

189 މީހުންނާއެކު ދަތުރުކުރަމުން ދިޔަ އެ މަތިންދާ ބޯޓު ވެއްޓުމުގެ ކުރިން ބޯޓު ތެރޭގައި ބައެއް މީހުން ތަކްބީރު ކިޔާ ވީޑިއޯއެއްކަމަށް ބުނާ ވީޑިއޯއެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއަކީ، ލަޔަން އެއާ ބޯޓެއްގައި ނަގާފައިވާ ވީޑިއޯއެއް ނަމަވެސް، އެ ވީޑިއޯ އާ ގުޅޭ އެއްވެސް ހަގީގަތެއް އެއްވެސް ބޭރުގެ މީޑިއާއަކުން ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް އެ ވީޑިއޯ މީސް މީީޑިއާގައި ދައުރުވަމުން ދަނީ އެއީ ލަޔަން އެއާ ބޯޓު ވެއްޓުމުގެ ކުރިން ނަގާފައިވާ ވީީޑިިއޯއެއްކަމަށް ބުނެއެވެ.

އެ ވީޑިއޯއަކީ އިއްޔެގެ ހާދިސާގެ ވީޑިއޯއެއް ނޫންކަމުގެ ޔަގީންކަން ދެމުން އިންޑޮނޭޝިއާގެ ނޭޝަނަލް ބޯޑް ފޯ ޑިޒާސްޓާ މެނޭޖްމެންޓްގެ ހެޑްއޮފް ޕަބްލިކް ރިލޭޝަން ސުޓޯޕޯ ޕުރްވޯ ނުގޮރޯހޯ ވިދާޅުވީ، އެ ވީޑިއޯއަކީ ލަޔަން އެއާ ޖޭޓީ 610ގެ ވީޑިއޯއެއް ނޫން ކަމަށެވެ. ލަޔަން އެއާ ޖޭޓީ 610 އެއީ އިއްޔެ ވެއްޓުނު ބޯޓެވެ. ނަމަވެސް މިހާރު ދައުރުވަމުން ދަނީ ޖޭޓީ 353ގެ ބޯޓު ތެރޭގައި ނަގާފައިވާ ވީޑިއޯއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ވީޑިޔޯ އަކީ ލަޔަން އެއަރގެ ޖޭޓީ 610 ފަސިންޖަރުން އުފުލާ ބޯޓުގެ ވީޑިޔޯ އެއް ނޫން. އެކަމަކު މިއީ ލަޔަން އެއަރ 353 ޖޭޓީގެ މަތިންދާބޯޓެއް ޖަކާޓާ-ޕެޑަންގ އަށް ދަތިރުކުރިއިރު ޓާބިއުލަންސް އާ ޖެހުނު ބޯޓެއް. އެބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ. ޖޭޓީ 610 ވެއްޓުމުގެ ކުރީގެ އެއްވެސް ފޮޓޯ/ވީޑިޔޯ އެއް ނެތް. ނުރަނގަޅު މައުލޫމާތު ފެތުރުމުގައި ބައިވެރިނުވޭ". އިންޑޮނޭޝިއާގެ ނޭޝަނަލް ބޯޑް ފޯ ޑިޒާސްޓާ މެނޭޖްމެންޓްގެ ހެޑްއޮފް ޕަބްލިކް ރިލޭޝަން ސުޓޯޕޯ ޕުރްވޯ ނުގޮރޯހޯ ކުރި ޓްވީޓްގައި ވެއެވެ.

އެ މަތިންދާ ބޯޓު ވެއްޓިފައި ވަނީ ޖަކާޓާ އިން ނައްޓާލިތާ 13 މިނިޓް ފަހުންނެވެ. އެ މަތިންދާ ބޯޓު ވެއްޓުނީ ސްމަޓްރާ ކައިރިން ކަނޑަށެވެ. އެ މަތިންދާ ބޯޓު ވެއްޓުނީ ކީއްވެކަން ދެނެގަތުމުގެ މަސައްކަތްތައް ކަމާ ގުޅުން ހުރި އޮފިޝަލުންތައް ދަނީ ކުރަމުންނެވެ.

އަދި މަރުވި މީހުންގެ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތްތައް އަދިވެސް ކުރަމުން އަންނައިރު، ކުރިއަށް އޮތް ތިން ދުވަހު އެ މަަސައްކަތް ކުރިއަށްގެންދާނެކަމަށް ވެއެވެ.