މިމަހު 21 ވަނަ ދުވަހު ގޮވި އިންޑޮނީޝިއާގެ އަނަކް ކަރަކަޓައު އަލިފާން ފަރުބަދައިގެ ބޮޑުބައެއް މިހާރު ފެނަން ނެތް ކަން ސެޓެލައިޓް ފޮޓޯތަކުން ދައްކައިފިއެވެ.
ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ ވޭތުވެދިޔަ ހަފްތާގައި އެ ފަރުބަދައިގެ އުސްމިނުން ތިންބައިކުޅަ ދެބައި ގެއްލިފައިވާކަމަށެވެ. އިންޑޮނޭޝިޔާގެ ޖާވާއަށާއި ސުމަތްރާއަށް ސުނާމީ އަރާފައިވަނީ އޭގެ ކުރީ ދުވަހު އެ އަލިފާން ފަރުބަދަ ގޮވުމަށްފައެވެ.
ދިރާސާކުރާ ފަރާތްތަކުންވަނީ ސެޓެލައިޓް ފޮޓޯތައް ބޭނުންކޮށްގެން، އެ ފަރުބަދައިން ހިލަޔާއި އަޅި ކަނޑަށް ފައިބާފައިވާ ވަރު ބެލުމަށް މަސައްކަތްކޮށްފައެވެ.
މި ދިރާސާއިން ކަށަވަރުކުރެވިގެންދާގޮތުގައި ފަރުބަދައިގެ ކައިރީގައި އޮންނަ ޖާވާއާއި ސުމަތްރާގެ އައްސޭރުފަށަށް ފަސް މީޓަރުގެ އުސް ރާޅު އަރާފައި ވަނީ ފަރުބަދައިން ފޭބި އަޅިއާ ހިލައިނެވެ.
އަލިފާން ފަރުބަދައެއް ގޮވާ އިންޑޮނޭޝިޔާ އަށް އެރި ސުނާމީގައި މިހާތަނަށް 429 މީހުން މަރުވެފައިވާއިރު ސުނާމީގައި މަރުވި މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުންނެވެ. ހާހަކަށްވުރެ ގިނަ މީހުންނަށް ދަނީ އެކިއެކި އަނިޔާތަކަށް ފަރުވާ ދެމުންނެވެ.
ސުނާމީގައި އެތަކެއް ބަޔަކު ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ އިރު، ކޯސްޓަލް އޭރިއާތައް ކަމަށްވާ ދެކުނު ސުމަޓްރާއާއި ޖާވާގެ ހުރިހާ ގެތަކެއްހެން ވަނީ ބިމާ ހަމަވެފައެވެ.
އަލިފާން ފަރުބަދަ ގޮވުމާއި ގުޅިގެން ގެއްލުން ބޮޑު ސުނާމީތަކެއް އަދިވެސް އެރުމުގެ ފުރުސަތު އޮތުމުން އާންމުން އައްސޭރިފަށަށް ނުދިއުމަށް އިންޑޮނޭޝިއާ ސަރުކާރުން ދަނީ އަންގަމުންނެވެ.
ސުނާމީއަށް ފަހު އަދިވެސް 150 މީހުން ވަނީ ގެއްލިފައިވާއިރު އެގައުމުގެ ޑިޒާސްޓާ ސެންޓަރުގެ ތަރުޖަމާން ވިދާޅުވީ ސުންޑާ ސްޓްރިޓް އަށް އެރި ސުނާމީގެ ސަބަބުން 40000 މީހުން ޒަހަމުވެފައިވާ ކަމަށެވެ.
ދުނިޔެއެއްވާ ނެތޯތް!