މިދިޔަ މަހު ގޮވި އިންޑޮނޭޝިޔާގެ ކަކަޓާއޫ އަލިފާން ފަރުބަދަ އިން އިތުރު ރެދުތަކެއް ފެނުމުން އިތުރު ސުނާމީތައް އިންޑޮނޭޝިއާގެ އައްސޭރިފަށުގެ ރަށްތަކަށް އަރާފާނެ ކަމުގެ އިންޒާރު ދީފިއެވެ.

ސުނާމީ އަރާފާނެ ކަމަށް، ހުރިހާ އެންމެންވެސް ސަމާލުވެ ތިބުމަށް އޮފިޝަލުން އަންގަމުން މިދަނީ މިދިޔަ މަހު މި އަލިފާން ފަރުބަދަ ގޮވާ އިންޒާރަކާ ނުލާ އިންޑޮނޭޝިއާއަށް އެރި ސުނާމީގައި 480 މީހުން މަރުވެފައިވަނިކޮށެވެ.

މިއަދު އޮފިޝަލުން އަންގާފައި ވަނީ އެންމެފަހުން ސުނާމީ އެރި ސަރަހައްދުގެ މޫދާ 500 މީޓަރު ދުރުގައި ތިބުމަށެވެ. ސަބަބަކީ އަދިވެސް ގޮވަމުންދާ އަނަކް ކްރޮކަޓޯއާގެ ގޮވުންތައް ގޮވަމުން ދިޔުމުގެ އިތުރުން އެ ފަރުބަދަ ހިމެނޭ ސަރަހައްދުގެ ބިންގަޑު އަދިވެސް ހަމަ ނުޖެހޭތީއެވެ.

އިންޑޮނޭޝިއާގެ ޑިޒާސްޓާ ސެންޓަރުން ބުނެފައިވާއިރު ސުނާމީއަށް ފަހު އަދިވެސް 150 މީހުން ވަނީ ގެއްލިފައެވެ. އިންޒާރެއް ނެތި ބިޔަ ރާޅުތައް ގެތަކަށް އަރައިގެން އައި އިރު، ގިނަ ބަޔަކު ތިބީ ގަދަ ނިދީގައެވެ.

އިންޑޮނޭޝިއާއަށް މިދިޔަ މަހު އެރި ސުނާމީގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވަމުންދާ އިރު، ހާހަކަށްވުރެ ގިނަ މީހުންނަށް ދަނީ އެކިއެކި އަނިޔާތަކަށް ފަރުވާ ދެމުންނެވެ. އަދި އެތައް ހާސް ބައެއްގެ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވެއެވެ.

ޑިޒާސްޓާ ސެންޓަރުގެ ތަރުޖަމާން ވިދާޅުވީ ސުންޑާ ސްޓްރިޓް އަށް އެރި ސުނާމީގެ ސަބަބުން 1400 މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ. ސުނާމީގެ އަސަރު ކުރި މީހުންގެ ތެރޭގައި ކްރިސްމަސް އާއި އާއަހަރު ފާހަގަ ކުރަން އިންޑޮނޭޝިއާ އަށް ގޮސް ތިބި ފަތުރުވެރިން ވެސް ހިމެނެއެވެ.