އެތައް އަހަރަކަށް ފަހު އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާގެ ލީޑަރުން ބައްދަލުކޮށް ސުލްހައިގެ މަޝްވަރާތައް ކުރާާނެ ސަމިޓެއް ބޭއްވުމަށް އެއްބަސްވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ދެކޮރެއާގެ އިސް އޮފިޝަލުން ވަނީ ބައްދަލުކޮށް ސަމިޓު ބާއްވާނެ ތާާރީހެއް ކަނޑައަޅާފައެވެ. އެ ސަމިޓު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އެޕްރިލް މަހުގެ 27 ވަނަ ދުވަހުއެވެ. މިިއީ ދެ ކޮރެއާގެމެދުގައި ބޭއްވޭ މިފަދަ ތިން ވަނަ ސަމިޓެވެ.

އުތުރު ކޮރެއާއާއި ދެކުނު ކޮރެއާ ގުޅޭ ބޯޑަރު ކައިރީގައި އޮންނަ ޕަންމުންޖޮމް ނަމަކަށް ކިޔާ ކުޑަ ވިލެޖެއްގައި މި ސަމިޓު ބޭއްވުމަށް ހަމަޖެހިފައިވާއިރު ދެކުނު ކޮރެއާގެ ފަރާތުން ސަމިޓުގައި ބައިވެރިވާނީ އެގައުމުގެ ރައީސް މޫން ޖައި އިން އެވެ. އުތުރު ކޮރެއާގެ ފަރާތުން ބައިވެރިވާނީ އެގައުމުގެ ލީޑަރު ކިމް ޖޮން އުންނެވެ. މިއާއެކު ކިމް ޖޮން އުން ވެގެންދާނީ ދެކުނު ކޮރެއާއަށް ދަތުރު ކުރާ އުތުރު ކޮރެއާގެ ފުރަތަމަ ލީޑަރަށެވެ.

ދާދި ފަހުން ދެކުނު ކޮރެއާގައި ބޭއްވި ވިންޓާ އޮލިމްޕިކްސްއަށް ފަހު ދެ ކޮރެއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އެގޮތުން ދެ ގައުމުގެ އިސް އޮފިޝަލުން ބައްދަލުވުންތައް ބާއްވައި މަޝްވަރާވެސް ކޮށްފައިވެއެވެ.

ފާއިތުވި އަހަރުުގެ ފަހު ކޮޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ހޫނު ބަހުގެ ހަމަލާތަކެއް ވަނީ ބަދަލު ކޮށްފައެވެ. މާހިރުން ލަފާ ކުރަނީ މި ބައްދަލުން ކާާމިޔާބުވެއްޖެ ނަމަ އުތުރު ކޮރެއާއާއި އެމެރިކާއާއި ދެމެދު މަޝަވަރާ ކުރުމަށް އެއްބަސްވާނެ ކަމަށެވެ.

ކިމް ޖޮން އުން ވަނީ ދާދި ފަހުން އޭނާގެ އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރައްވާފައެވެ. އޭނާ ޒިޔާރަތް ކޮށްފައި ވަނީ ޗައިނާ އަށެވެ.