ދުނިޔޭގެ ފުއްޕާމޭ، އެމޭޒަން ޖަންގަލީގައި ރޯވަމުން އަންނަތާ 3 ހަފްތާ ވެފައި ވާއިރު، އެ ޖަންގަލީގެ އިތުރު 1000 ސަރަހައްދެއްގައި އަނެއްކާވެސް ރޯވެއްޖެއެވެ.

މި އަލިފާންތައް ނިންވަން ދާދި ފަހުން ބްރެޒިލްގެ ރައީސް ސިފައިން ފޮނުވާފައި ވާއިރު، އެމޭޒަން ޖަންގަލި ސަރަހައްދުގައި އޮންނަ 9 ސްޓޭޓެއްގެ ތެރެއިން 6 ސްޓޭޓަކުން ވަނީ އެ ސަރަހައްދު ތަކަށްވެސް ސިފައިންގެ އެހީ ބޭނުންވާ ކަމަށް ބުނެ އެކަމަށް އެދިފައެވެ.

އެމޭޒަންގައި ރޯވި އަލިފާން ގަނޑެއްގެ ދުންތައް 2 ކިލޯ މީޓަރު މައްޗައް އަރަނީ

ބްރެޒިލްގެ ނެޝަނަލް އިންސްޓިޓިއުޓް ފޯ ސްޕޭސް ރިސާޗް އިން ނެގި ސެޓަލައިޓް ފޮޓޯ ތަކުން ހާމަވާ ގޮތުން ބުރާސްފަތި ދުވަހަކާއި ހުކުރު ދުވަހު އެކަނިވެސް އެމޭޒަން ޖަންގަލީގެ އިތުރު 1663 އަލިފާންގަނޑު ވަނީ ރޯވެފައެވެ. މި އަހަރުގެ މިހައިތަނަށް 78،383ށް ވުރެން ގިނަ އަލިފާން ގަނޑު އެމޭޒަންގައި ރޯވެފައި ވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 84 ޕަސަންޓް އިތުރުވުމެކެވެ.

އެމޭޒަން އަކީ އަހަރެމެން ނޭވާލާން ބޭނުން ކުރާ އޮކްސިޖަންގެ 20 އިންސައްތަ އުފައްދައިދޭ ޖަންގައްޔެއް ކަމުގައި ވާއިރު، އެތަނުގައި އަލިފާންގަނޑު ކޮންޓްރޯލުން ނައްޓައިގެން ދިއުމުގެ ޒިންމާ ބްރެޒިލްގެ ރައީސް ނަގަން ޖެހޭނެކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެއީ އޭނާ ވެރިކަމާއި ހަވާލުވީ ފަހުން އެ ޖަންގަލިން ގިނަ އަދަދަކަށް ގަސްތައް ކަނޑަމުން އަންނަ އިރު، އާއްމު ރައްޔިތުން އެ ޖަންގަލިން ބިން ހުސްކޮށް، ވިޔަފާރިތައް ފެށުމަށް ހިތްވަރު ލިބޭ ގޮތަށް އޭނާ ވާހަކަ ދައްކާފައި ވާތީއެވެ.

ބްރެޒިލްގެ ސިފައިން އަލިފާން ނިންވުމަށް ދަނީ

ގުދުރަތީ ގޮތުން އެމޭޒަންގައި ރޯވި އަލިފާންގަނޑުގެ އިތުރުން، އިންސާނުން ގަސްތުގައި ރޯކޮށްލާފައިވާ ތަންތަންވެސް މަދެއް ނޫނެވެ. އަދި ބްރެޒިލްގެ ރައީސް އެ އަލިފާންގަނޑު ކޮންޓްރޯލު ކުރުމަށްޓަކައި ސިފައިން ފޮނުވާފައި ވަނީ ދާދި ފަހުންނެވެ. އެއީވެސް ދުނިޔޭގެ ސަމާލުކަމަށް މިކަން އައިސް، އޭނާ އަށް ފިއްތުންތައް ކުރިމަތި ވެދާނޭ ކަމުގެ ބިރު ހީވުމުންނެވެ.

މިހާރު 44،000 ސިފައިން އެ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ބްރެޒިލްގެ ރައީސް ވަނީ އެމެރިކާ ފަދަ ގައުމު ތަކުގައި އަލިފާން ނިއްވަން ބޭނުން ކުރާ ވަސީލަތްތައް ބްރެޒިލްގައި ނެތް ކަމަށް ބުނެފައެވެ. އެމެރިކާ އިން އެހީވާތް ތައްޔާރަށް އޮތް ކަމަށް ބުނެފައި ވީ ނަމަވެސް، ބްރެޒިލް އިން ރަސްމީކޮށް އެއްވެސް ގައުމެއްގެ އެހީ އަކަށް އެދިފައެއް ނުވެއެވެ. ބްރެޒިލްގެ ރައީސް ބުނާ ގޮތުން އެ އަލިފާން ގަނޑު ނިވޭނީ، މޫސުން ހުންނަ ގޮތުން އަމިއްލަ އަށެވެ.