ހުޅަނގު އެފްރިކާގެ ޤައުމެއް ކަމަށްވާ މާލީގެ ބޮޑު އިމާރާތެއް ވެއްޓި، އެ އިމާރާތުގެ ތެރޭގައި ތިބި ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ.

ނޫސްތައް ބުނާގޮތުގައި ވެއްޓިފައި ވަނީ މާލީގެ ވެރިކަންކުރާ ބަމަކޯ ސިޓީގައި އާންމުން ދިރިއުޅެމުންދިޔަ ތިން ބުރީގެ އިމާރާތެކެވެ. މި ހާދިސާގައި މަރުވި މީހުންގެ އަދަދު 15 އަށް އަރާފައިވާއިރު ގިނަ އަދަދެއްގެ ބަޔަކަށް ދަނީ އެކި ވަރުގެ އަނިޔާ ލިބިގެން ފަރުވާދެމުންނެވެ.

އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، އިމާރާތް ވެއްޓުނުގެ ހާދިސާ އާއި ގުޅިގެން އިމާރާތުގެ ދަށުވި 26 މީހަކު މިހާތަނަށް ވަނީ ސަލާމަތްކޮށްފައެވެ. މި ހާދިސާ އާއި ގުޅިގެން އެ ސަރަޙައްދު ހޯދުމުގެ މަސައްކަތް މާލީގެ އިމަޖެންސީ ޚިދުމަތްދޭ ފަރާތްތަކުން އަދިވެސް ދަނީ ކުރަމުންނެވެ.

ނޫސްތައް ބުނާގޮތުގައި މި ހާދިސާގައި ސަލާމަތް ކުރި މީހުންގެ ތެރޭގައި އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖެއްވެސް ހިމެނެއެވެ. ނަމަވެސް އެކުއްޖާ އާއި، ސަލާމަތްވި އިތުރު މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އޮފިޝަލުން ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާ ހިނގި ގޮތް ބަލައި ހޯދުމުގެ ތަހުޤީޤެއް މިހާރު މަލީގެ ކަމާއި ބެހޭ އިދާރާތަކުން ފަށާފައިވާއިރު، އިމާރާތް ވެއްޓެން ދިމާވީ އެތަނުގެ އެންމެ މަތީ ފަންގިފިލާ ވެއްޓުމުންނެވެ. އެއާއެކު ދެން ހުރި ފަންގިފިލާތައްވެސް ވެއްޓި މުޅި އިމާރާތް ބިމާއި ހަމަވީއެވެ.

މާލީގައި މިފަދަ ހާދިސާތައް މީގެ ކުރިންވެސް ހިނގާފައިވާއިރު، އިމާރާތް ކުރުމުގެ ހުއްދަ އާއި ނުލައި އެޤައުމުގައި އިމާރަތްކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ.