ނެދަލޭންޑުން ކޮވިޑް-19 ވައިރަސްގެ ޝިކާރަ އަކަށްވެ އިތުރު 80 މީހުން މަރުވެއްޖެއެވެ.

މިއަދު އެގައުމުން ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާއިރު، މިއަދަކީ ވައިރަސްގެ ސަބަބުން އެ ގައުމުން އެންމެ ގިނަ އަދަދެއްގެ ބަޔަކު މަރުވި ދުވަސްކަން ފާހަގަކޮށްލެވެއެވެ.

ނެދަލޭންޑުން މިހައިތަނަށް 356 މީހަކު މަރުވެފައިވާއިރު، މިއަދު މުޅިން އަލަށް އެ ގައުމުން 852 މީހަކު ވަނީ ވައިރަހަށް ފައްސިވެފައެވެ. އަދި މިހާރު ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 6،412ށް އަރާފައެވެ.

އެ ގައުމުގައި އެންމެ ހަލުވިކަމާއި އެކު ވައިރަސް ފެތުރެމުން އަންނަނީ ނޫރްދްބްރަބަންޓް ޕްރޮވިންސުގައެވެ. ރިޕޯޓުތައް ބުނާގޮތުނަ ވައިރަހަށް 6،412 މީހުން ފައްސިވެފައި ވީ ނަމަވެސް، ހަގީގަތުގައި މި އަދަދު އެއަށް ވުރެން އިތުރުވާނެއެވެ. އެއީ ވައިރަހަށް ފައްސިވެފައިވާކަން ބައެއް މީހުންނަށް ނޭނގޭތީއާއި ޝައްކުވާ އެންމެން ޓެސްޓު ނުކުރާތީއެވެ.

ކޮންމެ ދުވަހަކުވެސް ވައިރަސްގެ އަސަރު ގަދަވަމުން އަންނައިރު މިހާރު އެންމެ ހަލުވިކަމާއި އެކު ވަައިރަސް ފެތުރެމުން ގެންދަނީ ޔޫރަޕްގެ ގައުމުތަކުގައެވެ. މުރާސިލުން ބުނަމުން ގެންދަނީ ޔޫރަޕަށް މިހެން ވާން ޖެހުނީ އެ ގައުމުތަކުން ކޮވިޑް-19 ވައިރަހަކީ ހަމައެކަނި ޗައިނާގެ ވައިރަހެއްގެ ގޮތުގައި ދެކި، ކުރީބައިގައި ވައިރަހުން ރައްކާތެރިވާން އަވަސް ފިޔަވަޅުތަކެއް އަޅާފައި ނުވާތީއެވެ.

މިހާރު މުޅި ދުނިޔެއިން 438،941 މީހުން ވައިރަހަށް ފަައްސިވެފައި ވާއިރު، 20،000 އާއި ގާތް ކުރާ އަދަދަކަށް މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.