ދުނިޔޭގެ ހުރިހާ ހިސާބަކަށް ފެތުރިފައިވާ ކޮވިޑް-19 ވައިރަސް ހުއްޓުވުމަށް ގިނަ ގައުމު ތަކަކުން ނުކުޅެދިފައިވާ މި ދަނޑިވަޅުގައި އިނގިރޭސިވިލާތުން އަނެއްކާވެސް ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ.

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިނގިރޭސިވިލާތުން ޖުމްލަ 953 މީހަކު ވަނީ މަރުވެފައެވެ.

މިއަދު އެ ގައުމުން މަރުވި 953 މީހުންނާއި އެކު މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 8،931ށް އުފުލިފައެވެ. މިއަދު 953 މީހުން އެ ގައުމުން މަރުވި އިރު އިއްޔެ އެ ގައުމުން ވަނީ 881 މީހަކު މަރުވެފައެވެ. މިއަދު މަރުވި މީހުންގެ އަދަދަކީ މިހައިތަނަށް 1 ދުވަސް ތެރޭ އެންމެ ގިނަ ބަޔަކު މަރުވި ދުވަސްކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިން އެންމެ ގިނަ މީހުން މަރުވީ މި މަހުގެ 8ވަނަ ދުވަހު ކަމުގައިވާއިރު، އެ ދުވަހު ޖުމްލަ 938 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

މިހާރު އެ ގައުމުން ވައިރަހަށް ފައްސިވި މީހުންގެ އަދަދު ވަނީ 65،077ށް އުފުލިފައެވެ. އިނގިރޭސިވިލާތުގެ ސަރުކާރުން ވަައިރަސް ހުއްޓުވަން ހުސްވި މާރިޗު މަހުގެ 23ން ފެށިގެން ފުރަބަންދު (ލޮކްޑައުން) އިއުލާން ކޮށްފައި ވީ ނަމަވެސް ފުރަބަންދުގެ ރަނގަޅު އަސަރުތައް އަދި ފެންނަމުންނެއް ނުދެއެވެ.

މިހާރު މުޅި ދުނިޔެ އިންވެސް އެންމެ ގަދައަށް ވައިރަސް ފެތުރެމުން އަންނަ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނޭއިރު، މުޅި ދުނިޔެއިން ވައިރަހަށް ފައްސިވި މީހުންގެ އަދަދު ވަނީ 1.6 މިލިއަނަށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 1 ލައްކަ އާއި ގާތް ކުރާ އަދަދަކަށް އިތުރުވެފައެވެ.