އިނގިރޭސިވިލާތުގެ ރޭލްވޭ ސްޓޭޝަނެއްގައި މަސައްކަތް ކުރަމުން އައި މުވައޒަފެއްގެ ގަޔަށް އާއްމު ރައްޔިތަކު ކުޅު ޖެހި ފަހުން އެމީހާ ކޮވިޑް-19 އަށް ފައްސިވެ، އެ ބަލީގެ ޝިކާރަ އަކަށްވެ މަރުވެއްޖެއެވެ.
އެ ގައުމުގެ ވެރިރަށް ލަންޑަނުގެ ޓްރެއިން ސްޓޭޝަނެއްގައި މަސައްކަތް ކުރަމުން އައި އުމުރުން 47 އަހަރުގެ ބެލީ މުޖިންގާ އަކީ އެ ސްޓޭޝަނުގައި ޓިކެޓު ވިއްކަން އުޅޭ މީހެކެވެ. މިދިޔަ މަހުގެ ފަހުކޮޅު އޭނާ ޓިކެޓު ވިއްކަން ހުއްޓައި އެތަނުން ދިޔަ މީހަކު ވަނީ އޭނާ އަށް ކޮވިޑް-19 ޖެހިފައިވާ ކަމަށްބުނެ ބެލީ އާއި އޭނާ އާއި އެކު މަސައްކަތް ކުރަމުން އައި މުވައްޒަފުގެ މޫނަށް ކުޅު ޖަހާފައި އެތަނުން ގޮސްފައެވެ.
މިވާހަކަ އެތަނުގެ އިސްވެރިންނަށް އެންގި ނަމަވެސް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އެތަނުގެ މުވައްޒަފުންނަށް ރައްކާތެރިކަމުގެ އެއްވެސް އެއްޗެއްވެސް ދީފައި ނުވާއިރު، މި ހާދިސާ ހިނގިތާ ކުޑަ ދުވަސްކޮޅެއް ފަހުން ޓެސްޓު ކުރިއިރު މި ދެމީހުންވެސް ވަނީ ވައިރަހަށް ފައްސިވެފައެވެ.
ހާދިސާ ހިނގިތާ 11 ދުވަސް ފަހުން ބެލީގެ ހާލު ސީރިއަސްވެ، އޭނާ ވަނީ ވެންޓިލޭޓަރުގެ އެހީ އަށް ބަދަލު ކޮށްފައެވެ. ނަމަވެސް ހާދިސާ އަށް ބަރާބަރު 2 ހަފްތާ ވި ދުވަހު ބެލީ ވަނީ މަރުވެފައެވެ.
ބެލީ އަކީ މީގެ ކުރިން ނޭވާލާ ނިޒާމުގެ މައްސަލަ އެއް ހުރުމުން އޮޮޕަރޭޝަނެއްވެސް ކޮށްފައިވާ ފަރާތެއް ކަމުގައިވާއިރު، މިފަދަ ހާލަތެއްގައި ބެލީ މަސައްްކަތަށް ނެރުމުން އެ މައްސަލަ މިހާރު އަންނަނީ ބަލަމުންނެވެ.
ބެލީ މަރުވިއިރު، އޭނާގެ 11 އަހަރުގެ އަންހެން ދަރިފުޅަކާއި ފިރިޔަކު އެބަހުއްޓެވެ. ބެލީގެ ފިރިމީހާ އަށް އޭނާ އެންމެ ފަހުން ފެނިފައި ވަނީ އެމްބިއުލޭންސްގައި ހޮސްޕިޓަލަށް ގެންދިޔަ ދުވަހުއެވެ. މިހާރު ބެލީ ގަޔަށް ކުޅު ޖެހި މީހާ އަކީ ކާކުކަން ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
ނަސީބެއް މިގައުމުގެ މަޖިލިސްތެރޭ ކުޅުޖެހުމުގެ ދައުރުގައި ކޮވިޑް-19 ނުއުފަންވާކަން
ނިހާނު ވެސް މިކަހަލަ އަމަލެއް ރޮޒައިނާ އަށް ހިންގި.