މިއަދު ޕާކިސްތާނުގެ ކަރާޗީގެ އާންމު ދިރިއުޅޭ ސަރަޙައްދަކަށް، ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ ފްލައިޓެއް ވެއްޓުނު ހާދިސާގައި ސަލާމަތްވި މީހުންގެ ތެރޭ، ބޭންކް އޮފް ޕަންޖާބްގެ ސީއީއޯ، ޒަފަރު މަސްއޫދު ހިމެނޭ ކަމަށް އެޤައުމުގެ އިދާރާތަކުން ބުނެފިއެވެ.

އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައި ވަނީ، މި ނުރައްކާތެރި ހާދިސާގައި ޒަފަރު މަސްއޫދަށް އަނިޔާ ލިބިފައިވީނަމަވެސް ފުރާނައަށް ނުރައްކާވާވަރުގެ އަނިޔާއެއް ނުލިބި ވަނީ ސަމާލަތްވެފައެވެ. އޭނާއަށް މިހާރު އަންނަނީ ކަރާޗީގެ ދާރުލް ސިއްޙަތު ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން، މި ހާދިސާ ހިނގުމާއި ގުޅިގެން ހޮސްޕިޓަލްގައި ފަރުވާދެމުންދާ މީހުންނާއި ސިންދު ސަރަޙައްދުގެ ޗީފް މިނިސްޓަރ ވަނީ ބައްދަލު ކުރައްވާފައެވެ. މިގޮތުން ބައްދަލުކުރެއްވި ކުރެއްވުންތަކުގައި މިނިސްޓަރު، ޒަފަރު މަސްއޫދާއިވެސް ބައްދަލު ކުރެއްވި ކަމަށް ނޫސްތައް ބުނެއެވެ.

ޒަފަރު މަސްއޫދު މި ހާދިސާއިން ސަލާމަތްވުމުން ހޮސްޕިޓަލުގައި އޭނާގެ މަންމައަށްވެސް ގުޅާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. މިހާރު އޭނާ އާއިއެކު އާއިލާގެ އެހެން ބައެއް މެމްބަރުން ހޮސްޕިޓަލުގައި ތިބި ކަމަށް ވެއެވެ.

މަސްދަރުތަކާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، މި ހާދިސާގައި ޒަފަރު މަސްއޫދަށް ސީރިއަސް އަނިޔާއެއް ނުލިބުނު ނަމަވެސް އޭނާގެ ހަށިގަނޑުގެ ބައެއް ކަށިތަކުގައި ރެނދުލުންފަދަ އަނިޔާ ވަނީ ލިބިފައެވެ.

މިއަދު މެންދުރުފަހުގެ ވަގުތެއްގައި ޕާކިސްތާނުގައި ހިނގި މި ހިތާމަވެރި ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ފްލައިޓުން ދަތުރުކުރި މީހުންނާއި ފްލައިޓު ވެއްޓުނު ސަރަޙައްދުގައި ތިބި ގިނަ އަދަދެއްގެ ބަޔަކުވެސް ހިމެނެއެވެ. މިހާތަނަށް މި ހާދިސާއިން ސަލާމަތްވި މީހުންގެ ޖުމްލަ އަދަދެއް އިދާރާތަކުން ހާމައެއް ނުކުރެއެވެ.

މި ހާދިސާ ހިނގި ސަރަޙައްދުގައި ރެސްކިއު ވޯކަރުން ހަރަކާތްތެރިވަމުންދާއިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން 20 އަށްވުރެ ގިނަ މީހުން ނަގާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.