އަވަށްޓެރި އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 300،000 އަށް ވުރެން މައްޗައް އަރައިފިއެވެ.

އިންޑިއާގެ ބޮޑެތި ސިޓީތަކުގައި ހަލުވި ކަމާއި އެކު ވައިރަސް ފެތުރެމުން އަންނަ އިރުގައި، ފާއިތުވެދިތަ 4 ދުވަހުވެސް އެ ގައުމުން ފައްސިވާ މީހުންގެ އަދަދު ވަނީ 10،000 އަށް ވުރެން އިތުރުވެފައެވެ.

މިއަދަކީ އެ ގައުމުން އެއް ދުވަސް ތެރޭގައި އެންމެ ގިނަ ބަޔަކު ފައްސިވި ދުވަސް ކަމުގައި ވާއިރު، މިއަދު މިހައިތަނަށް 10،956 މީހަކު ވަނީ މުޅިން އަލަށް ވައިރަހަށް ފައްސިވެފައެވެ.

އެ ގައުމުގައި މެއި މަހު އިއުލާން ކުރި ފުރަބަންދު ދެ ފަހަރެއްގެ މަތިން އިތުރު ކުރުމަށް ފަހުގައި ފުރަބަންދަށް ލުއިތައް ދޭން ފެށުމާއި އެކު ވައިރަސް ފެތުރޭ މިންވަރު ވަނީ އަތް ނުފޯރާ ފަށަށް މައްޗައް ގޮސްފައެވެ.

ވައިރަހުގެ ޝިކާރަ އަކަށްވެ މިއަދު އެ ގައުމުން މިހައިތަނަށް 396 މީހަކު މަރުވެފައި ވާއިރު، މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 8،498 އަށް އިތުރުވެފައެވެ.

އިންޑިއާ އަކީ މިހާރު މުޅި ދުނިޔެ އިންވެސް 4 ވަނަ އަށް އެންމެ ގިނަ ބަޔަކު ފައްސިވެފައިވާ ގައުމެވެ. މި ލިސްޓުގެ އެއް ވަނާގައި އެމެރިކާ އޮތް އިރު، ދެވަނާގައި އޮތީ ބްރެޒިލް އެވެ. ތިން ވަނާގައި ރަޝިޔާ އޮތް އިރު، އިންޑިއާގެ ފަހަތުބް ފަސް ވަނާގައި އޮތީ އިނގިރޭސި ވިލާތެވެ.

މިހާރު ގިނަ ގައުމުތަކަކުން ދަނީ ބޯޑަރުތައް ހުޅުވާލައި، ވައިރަހާއި އެކި އުޅެން ހޭނެމުންނެވެ. މިގޮތުން ރައްޔިތުން ބޭރަށް ނިކުމެ އުޅޭ އިރު، ކޮންމެހެންވެސް މާސްކު އެޅުމާއި ގިނަގިނައިން އަތް ދޮވެ، ސެނިޓައިޒް ކުރުން މުހިއްމެވެ.

ކިޔުންތެރިންގެ ހިޔާލު