ޔޫކްރޭނުގެ ރައީސް، ވްލޮޑިމިއަރ ޒެލެންސްކީގެ އަނބިކަނބަލުން، އޮލޭނާ ޒެލެންސްކާ ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިކަން ހާމަކޮށްފައި ވަނީ އެކަމަނާ އިންސްޓަގްރާމް އެކައުންޓު މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އޮލޭނާ ވިދާޅުވީ، އެކަމަނާ ކޮވިޑް-19 އަށް ފައްސިވެފައި ވީނަމަވެސް ފިރިކަލުންނާއި ދަރިން މި ބައްޔަށް ނައްސި (ނެގެޓިވް) ވެފައިވާ ކަމަށެވެ.

ކޮވިޑް-19 އަށް ފައްސިވީނަމަވެސް ހާލު ރަނގަޅު ކަމަށާއި، މިކަން އެނގުމާއިއެކު މިހާރު ހުންނެވީ އެކަހެރިވެވަޑައިގެން ކަމަށް އޮލޭނާ ވިދާޅުވެފައި ވެއެވެ. އަދި އާއިލާއަށް ބަލީގެ ނުރައްކާ ކުރިމަތިވެދާނެ ކަމަށްޓަކައި މިހާރު ހުންނެވީ އާއިލާ އާއި ވަކިން ކަމަށްވެސް ވިދާޅުވިއެވެ.

ޔޫކްރޭން އަކީވެސް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެވެ. އެޤައުމުން އިއްޔެ އެކަނިވެސް 683 މީހަކު ހިމެނޭހެން މިހާތަނަށް ޖުމްލަ 29753 މީހަކަށް މި ބަލި ޖެހި، އޭގެތެރެއިން 870 މީހަކު މަރުވެފައި ވެއެވެ.

ޔޫކްރޭނުން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން މިހާތަނަށް 13567 މީހަކު ރަނގަޅުވެފއިވާ ކަމަށް އިދާރާތަކުން ބުނެއެވެ. އަދި މިހާރު އެޤައުމުގައި މި ބައްޔަށް ފަރުވާދެމުންދާ މީހުންގެ ތެރެއިން 306 މީހެއްގެ ހާލު ސީރިއަސް އެވެ. އެޤައުމުން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނަ (ކޭސް) އެއް ފެނިފައި ވަނީ މާރިޗު މަހުގެ 17 ވަނަ ދުވަހު އެވެ.

އެޤައުމުން ކޮވިޑް-19 ފެނުމާއި ގުޅިގެން ފުރަބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް މިހާރު ވަނީ ބައެއް ފިޔަވަޅުތަކަށް ލުއިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު