ކޮވިޑް-19 ގެ ސަބަބުން އިއުލާނު ކޮށްފައިވާ ފުރަބަންދަށް ލުޔެއް ދީ އަންނަ މަހު 7 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިންނަށް މަރުހަބާ ކިޔާނެ ކަމަށް ދުބާއީގެ ސަރުކާރުން ހާމަ ކޮށްފިއެވެ.

މިގޮތަށް އަންނަ މީހުން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކޮށް ޕީސީއާރު ޓެސްޓް ހަދާނެ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

އަންނަ މަހު ފަތުރުވެރިކަމަށް އެގައުމުގެ ހުޅުވާލާއިރު، ދުބާއީން އަންނަނީ ކޮވިޑް-19 ގެ ސަބަބުން އެކި ގައުމުތަކުގައި ތާށިވެފައި ތިބި އެގައުމުގެ ރައްޔިތުން މާދަމާ ގެނައުމަށް ތައްޔާރު ވަމުންނެވެ.

މިގޮތަށް ފަތުރުވެރިކަމަށް ހުޅުވާލާއިރު، އެގައުމުން ވަނީ ބަލިން ރައްކާތެރިވުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅައި ގައިޑްލައިންސްތަކެއް އެކުލަވާލާފައެވެ.

އެގޮތުން އާންމުކޮށް އަމަލު ކުރަން ޖެހޭ އުސޫލުތަކަށް ބަލާއިރު، އެގައުމުގެ އެއާޕޯޓްގައި ކޮވިޑް-19 ޓެސްޓް ކޮށްފައިވާ ސެޓްފިކޭޓް ހުށަހަޅަން ޖެހެއެވެ. ނުވަތަ އެއާޕޯޓްގައި ޓެސްޓް ހަދަން ޖެހެއެވެ. އަދި ހުރިހާ އެންމެންވެސް އެއާޕޯޓްގައި ޕީސީއާރު ޓެސްޓް ހަދަން ޖެހެއެވެ. ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރެވޭނެއެވެ. މި މުއްދަތުގައި ހުރިހާ ހަރަދެއް ހިނގަނީ އެމީހެއްގެ އަތުންނެވެ.

އަންނަ މަހު އެގައުމަށް ޒިޔާރަތް ކުރާ ފަތުރުވެރިންވެސް އެއާޕޯޓްގައި ޕީސީއާރު ޓެސްޓްގެ ނަތީޖާ ދައްކަން ޖެހެއެވެ. ނުވަތަ އަލުން ޓެސްޓް ހަދަން ޖެހެއެވެ. އަދި 14 ދުވަހުގެ މުއްދަކަށް ކަރަންޓީންގައި ތިބެންޖެހެއެވެ.

ފުރަބަންދަށް ދިން ލުޔާއެކު ފަތުރުވެރިކަމަށް ދުބާއީ ހުޅުވާލާއިރު، އަމަލު ކުރަން ޖެހޭ އުސޫލުތަކަށް އަމަލު ކުރުމަށް އެގައުމުން ވަނީ ދަތުރު ކުރާ ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.