ސާބިއާގެ ޑިފެންސް މިނިސްޓަރު އަލެކްސެންޑަ ވުލިން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެ ގައުމުގެ ޑިފެންސް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ވުލިން ކޮވިޑް-19 އަށް ފައްސިވެފައިވީ ނަމަވެސް އޭނާގެ ފަރާތުން އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށެވެ. އަދި މިނިސްޓަރުގެ ހާލު ރަނގަޅު ކަމަށް ވެސް ބަޔާނުގައިވެއެވެ.

ސާބިއާގެ ޑިފެންސް މިނިސްޓަރު މިދިޔަ ހަފްތާގައި ވަނީ ރަޝިއާގެ މޮސްކޯގައި އޮތް ޕެރޭޑެއްގައި ބައިވެރިވެވަޑައިގެންފައެވެ. އެ ޕެރޭޑްގައި ޑިފެންސް މިނިސްޓަރުގެ އިތުރުން ސާބިއާގެ މަތީ ފެންވަރުގެ ވަފްދެއް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސާބިއާގެ ރައީސް އެލެކްސެންޑަރު ވޫސިޗް ވަނީ ރަޝިއާގެ ރައީސް ވަލްޑިމިއަ ޕުޓިންއާ ބައްދަލު ކުރައްވައިފައެވެ. އެކަމަކު، ރަޝިއާގެ ރައީސް އާއި ސާބިއާގެ ޑިފެންސް މިނިސްޓަރު ބައްދަލުވި ކަމެއް އެނގިފައެއް ނުވެއެވެ.

ސާބިއާގެ ޑިފެންސް މިނިސްޓަރު ކޮވިޑް-19 އަށް ފައްސިވި އިރު، އެ ގައުމުގެ ގާނޫނު ހަދާ މަޖިލިހުގެ ރައީސް މަޖާ ގޮކޮވިޗް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.