ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ތުރުކީން ފައްސިވި މީހުންގެ އަދަދު ދެލައްކައަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލުމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ތުރުކީން މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު އުޅެނީ 201,098 ގައެވެ.

މިދިޔަ މޭއި މަހު މި ބަލިމަޑުކަމުގެ ނުރައްކާ ތުރުކީއަށް ކުޑަވެގެން ގޮސްފައި ވަނިކޮށް ފާއިތުވެދިޔަ ދުވަސްތަކުގައި އަނެއްކާވެސް އެޤައުމުގައި ބަލި ފެތުރޭ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން އަލަށް ފައްސިވާ މީހުންނާއި މަރުވާ މީހުންގެ އަދަދު އެޤައުމުގައި އަންނަނީ އިތުރުވަމުންނެވެ.

ތުރުކީއަށް ކޮވިޑްގެ ނުރައްކާ އެންމެ ބޮޑުވެގެން ދިޔައީ މިދިޔަ މާރިޗު މަހާއި އޭޕްރިލް މަހުގައެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު ތުރުކީން މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އިތުރު 1,192 މީހަކު ފައްސިވެފައި ވެއެވެ. އަދި މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 19 މީހަކު ހިމެނޭހެން މިހާތަނަށް ކޮވިޑް ޖެހިގެން ތުރުކީން މަރުވި މީހުންގެ އަދަދު ވަނީ 5150 އަށް އަރާފައެވެ.

އެޤައުމުގެ އިދާރާތަކުން ބުނާގޮތުން މިހާތަނަށް އެޤައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 175,422 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި މިހާރު ފަރުވާދެމުންދާ 20,526 މީހުންގެ ތެރެއިން 1035 މީހެއްގެ ހާލު ސީރިއަސް ކަމަށް ވެސް އިދާރާތަކުން ބުނެފައި ވެއެވެ.

ތުރުކީން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނަ (ކޭސް) އެއް ފެނިފައި ވަނީ މާރިޗު މަހުގެ 11 ވަނަ ދުވަހުއެވެ.