ކޮވިޑް-19 ގެ ނުރައްކާ ކުޑަވެފައިވާ 75 ޤައުމަކުން އިނގިރޭސިވިލާތަށް ދަތުރުކުރުމުގެ ލުއިތަކެއް ދީފިއެވެ.

މި ނިންމުމާއެކު އެޤައުމުން އެކުލަވާލި ލިސްޓުގައި ހިމެނޭ ޤައުމުތަކުން ދަތުރުކުރާ މީހުން 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރަން ނުޖެހި އެޤައުމަށް އެތެރެވެވޭނެ އެވެ.

އިއްޔެއިން ފަށައިގެން 75 ޤައުމަކަށް ލުއިދީފައި ވާއިރު، އިނގިރޭސިވިލާތުގެ އިދާރާތަކުން ވަނީ އެޤައުމުން އެކުލަވާލި ޤައުމުތައް ހާމަކޮށްފައެވެ. ނަމަވެސް އޭގެތެރޭގައި ރާއްޖެ އާއި ދެކުނު އޭޝިއާގެ ޤައުމުތައް ނުހިމެނެއެވެ.

އިނގިރޭސިވިލާތަށް ބައެއް ޤައުމުތަކުން ދަތުރުކުރާ ފަރާތްތަކަށް ލުއި ދިނުމަށް ނިންމާފައި ވަނީ، ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެޤައުމުގައި ދަތުރުފަތުރުތައް ހުއްޓިފައި އޮންނަތާ ދުވަސްތަކެއް ވެފައި ވަނިކޮށް، ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދީ ޤައުމު އަލުން އާ އާންމު ހާލަތެއްގައި ހުޅުވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

އިނގިރޭސިވިލާތުން ވަނީ ކޮވިޑް ފެތުރިފައިވާ ޤައުމުތަކުގެ ތެރެއިން ރައްކާތެރި ޤައުމުތަކާއި އެނޫން ޤައުމުތައް ފާހަގަކުރާނެ އުސޫލުތަކެއް މީގެ ކުރިން ކަނޑައަޅާފައެވެ. މިގޮތުން ތިން ކެޓެގަރީއަކަށް ޤައުމުތަށް ބަހާލައި އޭގެ ތެރެއިން އެންމެ ނުރައްކާ ބޮޑު ޤައުމުތައް ހިމެނޭ ކެޓެގަރީ ފިޔަވައި އެނޫން ކެޓެގަރީތަކުގެ ޤައުމުތަކުން ދަތުރުކުރާ މީހުންނަށް ލުއި ދިނުމަށް ނިންމާފައިވާކަން ކުރިން އެޤައުމުގެ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

އިނގިރޭސިވިލާތުން ވަނީ މި ކެޓެގަރީތަކަށް ބަލައިގެން އެޤައުމުން އެހެން ޤައުމުތަކަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ލުއި ދިނުމަށް ނިންމާފައެވެ. އެހެންކަމުން ޤައުމުތަކަށް އިނގިރޭސިވިލާތުން ދަތުރުކުރާ ފަތުރުވެރިންނަށް ވެސް ކުރިޔަށް އޮތް ދުވަސްތަކުގައި އެ ފުރުސަތު ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެއެވެ.

އިނގިރޭސިވިލާތުގެ އިދާރާތަކުން ބުނެފައި ވަނީ، ބަލިމަޑުކަން ކޮންޓްރޯލް ވެފައި ނުވާއިރުވެސް، ދޭން ނިންމާފައިވާ މި ލުއިތަކުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވެއްޖެ ނަމަ އެ ލުއިތަކާއި އެއްގޮތަށް އަމަލުކުރާ އުސޫލުތައް މަޑުޖައްސާލާނެ ކަމަށެވެ. އެހެންކަމުން އާންމުކޮށް ދަތުރުކުރާ ހުރިހާ ފަރާތްތަކުން ވެސް ރައްކަތެރިކަމަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދިނުމަށް އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ދުނިޔެއިން މިހާރު އަށްވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ އިނގިރޭސިވިލާތަކީ މި ބަލީގެ ނުރައްކާ މީގެ ކުރިން އެންމެ ބޮޑުވެގެންދިޔަ އެއް ޤައުމެވެ. އަދިވެސް އެޤައުމުގައި ބަލި ފެތުރޭ މިންވަރަށް މާބޮޑު ހިފެހެއްޓުމެއް އައިސްފައި ނުވާއިރު، މިހާތަނަށް އެޤައުމުން 288000 މީހުންނަށް ބަލި ޖެހި، މި ބަލީގައި 44000 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. އިނގިރޭސިވިލާތަކީ ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް ޖެހިގެން މަރުވި ޤައުމެވެ.

އެންމެ ފުރަތަމަ އިނގިރޭސިވިލާތުން ކޮވިޑް-19 ފެނިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެޤައުމަށް ބަލީގެ ނުރައްކާ އެންމެ ބޮޑުވެގެން ދިޔައީ މާރިޗު މަހާއި މިދިޔަ މޭއި މަހާއި ދެމެދުއެވެ.