ލުބުނާނުގެ ވަގުތީ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި މުސްތޮފާ އަދީބު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަދީބު އިސްތިއުފާ ދެއްވާފައިވަނީ އެގައުމުގައި އާ ސަރުކާރެއް އެކުލަވާލުމުގައި އުފެދިފައިވާ ދެބަސްވުންތަކެއްގެ ސަބަބުންނެވެ.

ޓީވީ މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން އަދީބު ވިދާޅުވީ، ވަގުތީ ބޮޑުވަޒީރު ކަމުން ފައިބާވަޑައިގަންނަވަން ނިންމެވީ އެގައުމުގެ ރައީސް މައިކަލް އޫން އާއިވެސް ބައްދަލުކުރެއްވުމަށް ފަހުގައި ކަމަށެވެ.

ސަރުކާރެއް އެކުލަވާލުމުގައި ދެބަސްވުން އުފެދިފައިވަނީ ލުބުނާނުގެ މައި ދެ ޝިއާ ޕާޓީން، ކެބިނެޓުގައި ޝިއާ މިނިސްޓަރުން ހިމެނުމަށް ކުރަމުންދާ ޑިމާންޑާއެކު ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އެ ޕާޓީގެ ގޮތުގައި ހިމެނެނީ އިރާންއިން ބާރުދޭ ހަޒްބުއްލާއާއި އަމަލްއެވެ.

އެހެންކަމުން އަދީބަކީ ސުންނީ މުސްލިމެއް ކަމަށްވުމުން، ބާކީ ވެދާނެ ކަމުގެ ކަންބޮޑުވުން ލުބުނާނުގެ ޝިއާ ލީޑަރުން ގެންދަވަނީ ފާޅު ކުރައްވަމުންނެވެ.

ބޮޑުވަޒީރު ކަމުގެ ޒިންމާ އަދީބާއި ހަވާލު ކުރައްވާފައި ވަނީ އެގައުމުގެ ވެރިރަށް ބެއިރޫތުގައި ހިނގާދިޔަ ގޮވުމުގެ ސަބަބުން އޭރުގެ ސަރުކާރުން އިސްތިއުފާ ދެއްވުމާއި ގުޅިގެން މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ.

އޭގެ ފަހުން އަދީބު ވަނީ ސިޔާސީ ލީޑަރުންގެ އަތްދަށުގައި އޮތް މިނިސްޓްރީތަކުގެ ހިންގުމަށް ބަދަލު ގެނައުމަށް މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އަދީބަށް އެކަމެއް ކާމިޔާބުވެފައެއް ނުވެއެވެ.