ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާއަށް މިސައިލް ހަމަލާއެއް ދީފިއެވެ.

މިކަން ހާމަކޮށް ސައުދީގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު، ކާނަލް މުޙައްމަދު ބިން ޔަހްޔާ އަލް ޣަމްދީ ނޫސްތަކުގައި ވިދާޅުވީ ހޫތީން މި ހަމަލާ އަމާޒުކޮށްފައި ވަނީ އާދީއްތަ ދުވަހުގެ ވަގުތެއްގައި ސައުދީގެ ހުޅަނގުދެކުނު އައްސޭރީގައި އޮންނަ ޖަޒާން ނަމަކަށް ކިޔާ ސިޓީއަކަށް ކަމަށެވެ.

އާންމުން ދިރިއުޅޭ ސަރަޙައްދަކަށް އަމާޒުކުރި މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވީނަމަވެސް، ހަމަލާގައި ގޮވި ބާރުގަދަ ގޮވުމުގެ ސަބަބުން އެ ސަރަޙައްދުގައި އޮތް އާންމުންގެ އުޅަނދަކަށް ގެއްލުން ލިބިފައިވާ ކަމަށް ކާނަލް ޔަހްހާ ވިދާޅުވިއެވެ.

ޖަޒާން ސިޓީއަކީ ސައުދީއާއި ޔަމަން ގުޅޭ ސަރަޙައްދީ އިމާއި ކައިރި ހިސާބެއްގައި އޮންނަ ސިޓީއެކެވެ. އެ ސިޓީއަށް ހޫތީން ހަމަލާ ދީފައިވަނީ ޔަމަނާއި ސައުދީ ގުޅޭ ސަރަޙައްދުގައި އޮންނަ އަވަށަކުން ކަމަށްވެސް ސައުދީގެ އޮފިޝަލުން ވިދާޅުވެއެވެ.

ހޫތީ ހަނގުރާމަވެރިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުވެސް ޖަޒާން އަށް މިސައިލް ހަމަލާއެއް ދީފައެވެ. އާންމުން ދިރިއުޅޭ ސަރަޙައްދަކަށް ދިން އެ ހަމަލާގައި ފަސް މީހަކު ޒަޚަމްވެ ބައެއް ތަންތަނާއި ތަކެއްޗަށް ގެއްލުން ލިބިފައިވެއެވެ.

ހޫތީން އަންނަނީ ފާއިތުވެދިޔަ ދުވަސްތަކުގައި ސައުދީގެ އެކި ސަރަޙައްދުތަކަށް މިފަދަ ހަމަލާތައް އަމާޒުކުރަމުންނެވެ. މިގޮތުން ޔަމަނުން ފޮނުވާލާ މިފަދަ ގިނަ ހަމަލާތައް، އަމާޒަށް ވާސިލުވުމުގެ ކުރިން ސައުދީގެ ދިފާޢީ ބާރުތަކުން ނާކާމިޔާބު ކޮށްފައިވެސް އެބަހުއްޓެވެ.

ޔޫތީ ހަނގުރާމަވެރިން ދާދިފަހުން ވަނީ، ސައުދީގެ އެކި ސަރަޙައްދުތަކަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކުރާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. މިގޮތުން އެޤައުމުގެ ޝާހީ ގަނޑުވަރުތައް ހުންނަ ސަރަޙައްދުތަކަށް ހަމަލާ އަމާޒުކުރާނެ ކަމަށްބުނެ، އާންމުން އެތަންތަނުގެ ކައިރިޔަށް ޖަމާނުވުމަށް ހޫތީން އެދިފައި ވެއެވެ.

ހޫތީންގެ ހަމަލާތައް ސައުދީ އަށް އަމާޒުކުރަން ފެށީ، 2015 ވަނަ އަހަރު ސައުދީ އިސްވެ އޮންނަ އަރަބި ކޯލިޝަނުން ޔަމަނުގައި ހިންގި ވަރުގަދަ އޮޕަރޭޝަނަށް ފަހުއެވެ. އެ އޮޕަރޭޝަނުގައި ހޫތީން ދިރިއުޅޭ އެކި ސަރަޙައްދުތަކަށް ވައިގެމަގުން ދިން ހަމަލާތަކުގައި ހޫތީ ހަނގުރާމަވެރިންނާއި ގިނަ އަދަދެއްގެ އާންމުން މަރުވެފައި ވެއެވެ.

އެ ހަމަލާތަކަށްފަހު ޔަމަނުގައި ދިރިއުޅޭ އެތައް މިލިއަން ބައެއްގެ ގެދޮރުގެއްލި، ބަނޑުހައިހޫނުކަމާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ހޫތީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަލީމް

    ސައޫދީގެ އިސްވެރިން ހޫތީން ދެކެ ވަރަށް ބޮޑަށް ޖެހިލުންވޭ...ބިރުންތުރުތުރު އަޅައަޅާ ތިބެނީ...ހޫތީން އަތުގައި ގިނައަދަދަކަށް ބެލެސްޓިކް މިސައިލް އެބަހުރި...

    1
    1