ފަލަސްތީނުގެ ކުރީގެ އަދި މިހާރުގެ ލީޑަރުންނަށް ވެސް އިތުބާރެއް ނުކުރެވޭ ކަމަށާއި، ނަމަވެސް ސައުދީ އަރަބިއްޔާ އޮންނާނީ އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށް ސައުދީގެ އަމީރު، ބަންދަރު ބިން ސުލްތާން ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން ސައުދީން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމު އަދާކުރައްވާފައިވާ ބަންދަރު އަރަބި ނޫހަކަށް ދިން އިންޓަވިއުއެއްގައި މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ، ފަލަސްތީނުގެ މަޝްރަހު ގޯސްވެފައި ވަނީ މީގެ ކުރިން އެޤައުމުގެ ލީޑަރުން އަމަލުކުރެއްވި ގޮތުން ކަމަށެވެ. އަދި އެބޭފުޅުން މަސައްކަތް ކުރެއްވީ އަމިއްލަފުޅު މަންފާ ހާސިލް ކުރުމަށް ކަމަށް ވެސް ބަންދަރު ވިދާޅުވިއެވެ.

ބަންދަރު ވިދާޅުވީ، މިވަގުތު ފަލަސްތީނުގެ ސުލްޙައަށް އެންމެ ބޮޑު އަސަރެއް ކޮށްފައިވާ ކަމަކީ، އިސްރާއިލްގެ ހަރަކާތްތައް ކަމަށެވެ. ނަމަވެސް ސައުދީގެ ސަލާމަތީ ކަންކަމަށްވެސް ވިސްނަން ޖެހޭ ހިނދު، ދެޤައުމުގެ ހަމަނުޖެހުން ހުއްޓުވުމަކަށް ގެނައުން ވެގެންދަނީ "ޗެލެންޖަކަށް" ކަމަށް ބަންދަރު ވިދާޅުވިއެވެ.

ފަލަސްތީނުގެ ސުލްޙައަށް ބުރޫއަރާފަދަ ނިންމެވުންތައް ނިންމެވީ އެޤައުމުގެ ކުރީގެ ލީޑަރުން ކަމަށް ވިދާޅުވެ ބަންދަރު ވިދާޅުވީ އަވައްޓެރި އަރަބި ޤައުމުތަކާ ގުޅުން ކަނޑާލައިގެން ފަލަސްތީނުން ބައިއަތު ހިފީ ތުރުކީ އާއި އީރާނާއި އެނޫންވެސް ހަމަނުޖެހުން ބޮޑު ޤައުމުތައް ކަމަށެވެ.

އެހެންކަމުން މިއަދު މެދުއިރުމަތީ އޮތް ހާލަތުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ފަލަސްތީނުގެ ލީޑަރުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރީގެ ލީޑަރުން ކަންތައް ކުރެއްވި ގޮތަކީ އެއީ. މިހާރު އަނެއްކާވެސް އާ ކުޅުންތެރިންތަކެއް މި ފެނިގެން ދަނީ. އެބޭފުޅުންވެސް ނިކުންނެވީ ފަލަސްތީނަށް ހަމަޖެހުން ގެނެސްދޭނެ ކަމަށް ވިދާޅުވަމުން. އަދި އެންމެ މައިގަނޑު އަމާޒަކީ ޤުދުސް ކަމަށް ވިދާޅުވަމުން. އެކަމަކު އެ ވިދާޅުވާ ހަމަޖެހުން އަންނަތަނެއް ނުފެނޭ،" ބަންދަރު ވިދާޅުވިއެވެ.

ފަލަސްތީނުން މެދުއިރުމަތީގެ ޤައުމުތަކުގެ މައްޗަށް އީރާނާއި ތުރުކީއަށް އިސްކަން ދިނުމުގެ ނަތީޖާއަކީ، އެޤައުމުގެ ހާލަތަށް އެއްވެސް ބަދަލެއް ނައިސް އޮތުން ކަމަށް ބަންދަރު ސިފަކުރެއްވިއެވެ. އަދި އެޤައުމުތަކުން މަސައްކަތް ކުރަމުން ދަނީ ފަލަސްތީނު މެދުވެރިކޮށް މެދުއިރުމަތީގެ ހަމަޖެހުން ނަގާލުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންކަމުން ފަލަސްތީނުގެ މިފަދަ ލީޑަރުން ތިއްބަވަންޏާ، އެޤައުމުގެ ރައްޔިތުންނަށް ހެޔޮ އެދިގެންވެސް އެހެން ޤައުމަކުން ފިޔަވަޅެއް އަޅަން ބޭނުމެއް ނުވާނެ. އެއީ އެ ލީޑަރުންގެ އިތުބާރު ގެއްލިފައިވާތީ،" ބަންދަރު ވިދާޅުވިއެވެ.

ބަންދަރު ވިދާޅުވެފައިވާ ގޮތުން މެދުއިރުމަތީގެ ސުލްޙަ އާއި މެދު އެންމެ ބޮޑަށް އިހުމާލުވެވަޑައިގެންނެވީ ފަލަސްތީނުގެ ކުރީގެ ރައީސް، ޔާސިރު އަރަފާތެވެ. މިގޮތުން ފަލަސްތީނަކީ ދުނިޔެއިން ބަލައިގަންނަ ފަދަ ޤައުމަކަށް ހެދުމަށް ކުރިން އެމެރިކާއިން ވެސް އެޤައުމާ އަލުން ގުޅުން ޤާއިމްކުރުމަށް ދެފަހަރެއްގެ މަތީން މަސައްކަތް ކުރުމުންވެސް ޔާސިރު އަރަފާތު އެކަމާއި އެއްބަސްވެވަޑައި ނުގެންނެވީ ކަމަށް ބަންދަރު ވިދާޅުވިއެވެ.

ބަންދަރު ވިދާޅުވީ، އެމެރިކާއިން ހުށަހެޅި ސުލްޙައިގެ އެއްބަސްވުމުގައި، އިސްރާއިލް އިން އަތްގަދަކޮށްފައިވާ ފަލަސްތީނުގެ ބިންތަކުން އިސްރާއިލްގެ ސިފައިން ބޭރުކުރަން ވެސް ނިންމާފައި އޮތް ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމުގައި ސޮއިކުރައްވަން ޔާސިރު އަރަފާތު އިންކާރުކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

މެދިއިރުމަތީގެ ހާލަތާއި ގުޅޭގޮތުން ބަންދަރު ގިނަ ވާހަކަތަކެއް ދައްކަވާފައި ވާއިރު، އޭނާ ވަނީ ފަލަސްތީނުގެ ކުރީގެ ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އެބޭފުޅުން އަބަދުވެސް ބައިއަތު ހިއްޕަވަނީ ބަލިވާކޮޅާއި ކަމަށާއި، އެފަދަ ގޯސް ނިންމެވުންތަކުގެ ނިކަމެތިކަމާއި ކުރިމަތިލާން ޖެހެނީ ފަލަސްތީނުގެ އާންމު ރައްޔިތުން ކަމަށް ބަންދަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަސަން ދެވަނަ

    ކިހާވަރެއް ލިބިގެން ތިއުޅެނީ

    11
  2. ސިނެކް

    ބަލަގަ ނޭގެނީތަ ޔަހޫދީން ނަކީ އެއްބަސްވުން
    ހަދާ އެ އެއްބަސްވުން ތަކާހިލާފު ވާ ބައެއްކަން

    10
  3. މުސްލިމް

    މިއީ ވަރުގަދަ ބަންދަރެއް (މަކުނެއް) ނު؟! ފަލަސްތީނަށް ހެޔޮ އެދިގެން ކަލޭމެން ދުވަހަކުވެސް ކަމެއް ނުކުރޭ. އެމެރިކާގެ ތައްޕާހުގަ އޮވެގެން އިސްރާއީލާ މަޑުން މަޑުން ކައިރިވަމުން ތިދަނީ. ޔޫއޭއީ ހެދި ގޮތަށް ކުއްލިއަކަށް ޚާރިޖީ ގުޅުން ގާއިމު ކުރަން އަދި ނުކެރިގެން އެކަމަށް މަގު ކޮށްމުން ތިދަނީ. ދެން ތިބީ ގަމާރުން ކަމަށްތަ ހީކުރަނީ ބޭގަނޑާ..!

  4. ބަންދިރި

    ސަޢުދީއާ ގުޅުން އޮތީ ކޮން އިސްލާމީ ޤައުމަކާތޯ. ޤަތަރު، ޢީރާން، ޕާކިސްތާން އަދި ތުރުކީ ފަދަ ބޮޑެތި އިސްލާމީ ޤާއުމުތަކާ ސައުދީއާ މިހާރު އޮތީ އަދާވާތްތެރިކަން، ދެން ފަލަސްތީން އެކަހެރި ކޮށްލީމަ ހައިރާން ނުވޭ. ބޭނުމަކީ އާލް ސުޢޫދުގެ ދަރިންގެ ރަސްކަމާއި ވެރިކަން ހުޅަނގުގެ މަދަދާއި ބާރުވެރިކަމުގަ ދެމެހެއްޓުން.