ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އިރާގުން ފައްސިވީ މީހުންގެ އަދަދު ހަތަރު ލައްކައަށް އަރައިފިއެވެ.

އެޤައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ހަތަރު ލައްކައަށް އަރާފައި މިވަނީ އިއްޔެވެސް އިތުރު ގިނަ އަދަދެއްގެ ބަޔަކު ފައްސިވުމުންނެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ އެކަނިވެސް އިރާގުން އިތުރު 2,344 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިއާއެކު އެޤައުމުން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 400,124 ގައެވެ.

އިރާގުން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، އެޤައުމުން މި ބަލީގައި މަރުވާ މީހުންގެ އަދަދަށްވެސް ހިފެހެއްޓުމެއް ނާދެއެވެ. މިގޮތުން އިއްޔެވެސް އިތުރު 55 މީހަކު ހިމެނޭހެން މިހާތަނަށް އެޤައުމުން ޖުމްލަ 9,790 މީހަކު މި ބަލީގައި މަރުވެފައި ވެއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި އިރާގަށް ކޮވިޑް-19 ގެ ނުރައްކާ އިންތިހާއަށް ބޮޑުވަމުން އަންނައިރު، އެޤައުމުން އަލަށް ފައްސިވާ މީހުންގެ އަދަދު ވަނީ ކުރިޔާއި އަޅާ ބަލާއިރު ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، އިރާގުން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން 332,330 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު އެޤައުމުގައި ފަރުވާދެމުންދާ މީހުންގެ ތެރެއިން 500 އަށްވުރެ ގިނަ މީހުންގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.

40 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިރާގުން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އެޤައުމަކީ ދުނިޔެއިން 15 ވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ޤައުމެވެ.