އިންޑޮނޭޝިއާގައި ފުރަތަމަ ފިޔަވަހީގެ ދަށުން 9.1 މިލިއަން މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ދޭނެ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ މި އަހަރުގެ ނުވެމްބަރު މަހާއި ޑިސެމްބަރު މަހުގައި ވެކްސިން ދޭން ފަށާނެ ކަމަށާއި ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ބައްޔަށް އެންމެ ނާޒުކު މީހުންނަށް ކަމަށެވެ. ކޮވިޑް-19 އަށް އެންމެ ނާޒުކު މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން އަދި ބޮޑެތި ބައްޔަށް ބޭސްކުރާ މީހުން ހިމެނއެވެ.

އިންޑޮނޭޝިއާ އިން ކޮވިޑް-19 ގެ ވެކްސިން ދޭ ފުރަތަމަ ގުރޫޕްގެ ތެރޭގައި ސިއްޚީ ޚިދުމަތްތެރިންނާއި ޕަބްލިކް ސާވިސް މަސައްކަތް ކުރާ މީހުން، އެއާޕޯޓްތަކުގައި މަސައްކަތް ކުރާ މީހުން، ސިފައިންނާއި ފުލުހުން ހިމެނޭކަމަށް އެ ގައުމުގެ ސަރުކާރާއި ހަވާލަދީ މީޑިޔާ ރިޕޯޓު ކުރެއެވެ.

އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނީ ކޮވިޑް-19 އަށް ވެކްސިން ދޭނެ ކެޓަގަރީ އަކީ 18 އަހަރާއި 59 އަހަރާއި ދެމެދުގެ ކެޓަގަރީ ކަމަށެވެ. އެ ގައުމުގައި ވެކްސިން ދޭން ފަށާނީ އިންޑޮނޭޝިއަން ޑްރަގް އެންޑް ފުޑް ސުޕަވައިޒަރީ އެގެންސީ އިން ހުއްދަ ލިބި އިންޑޮނޭޝިއަން އުލެމާ ކައުންސިލުން ހަލާލް ސެޓްފިކެޓް ދިނުމުންނެވެ.

އިންޑޮނޭޝިއާ އިން މިހާތަނަށް ކޮވިޑަށް ފައްސިވެފައި ވަނީ 365،240 މީހުންނެވެ. އޭގެ ތެރެއިން 289،243 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ. އަދި ބަލި ޖެހިގެން 12،617 މީހުން ވަނީ އެ ގައުމުން މަރުވެފައެވެ.