އެމެރިކާގެ ރިޔާސީ އިންތިޚާބުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ދެންމެ ވައިޓްހައުސްގައި ސަޕޯޓަރުންނާއި ބައްދަލުކޮށް ޓްރަމްޕް ބުނީ އޭނާ ބޭނުންވި ވަރަށް ވުރެވެސް އިތުރަށް ވޯޓް ލިބި އިންތިޚާބު މިހާރު ކާމިޔާބު ކުރެވިފައިވާ ކަމަށެވެ.

ނަމަވެސް އިންތިޚާބު ވަނީ އޮޅުވާލާފައި ކަމަށާއި އެހެންކަމުން ވޯޓް ގުނުމުގެ ކަންކަން ކުރިއަށްދަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތިތޯ ކަށަވަރު ކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ޓްރަމްޕް ބުންޏެވެ. ޓްރަމްޕް ސަޕޯޓަރުންނާއި މުހާތަބުކޮށް ވާހަކަދައްކަމުން ބުނީ އޭނާ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަނީ ވޯޓް ގުނުން ހުއްޓުވަން ކަމަށެވެ.

އިންތިޚާބު ކާމިޔާބު ކުރެވުނުކަން ދެންމެ ޓްރަމްޕް އިއުލާން ކުރި ނަމަވެސް އަދި މިހާތަނަށް މީޑިއާތަކުން އިއުލާން ކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު އިންތިޚާބު ކާމިޔާބު ކުރެވޭ ކެންޑިޑޭޓެއް އަދި ކަށަވަރެއް ނުވެއެވެ.

އިއްޔެ އިންތިޚާބުގައި ރަސްމީކޮށް ވޯޓްލާން ފެށުމުގެ ކުރިން ޕޯސްޓް މެދުވެރިކޮށް 100 މިލިއަނާއި ގާތް ކުރާ އަދަދެއްގެ މީހުން ވަނީ ވޯޓް ލާފައެވެ. މިއީ އިންތިޚާބުގެ ކުރިން އާލީ ވޯޓިންގައި އެންމެ ގިނަ އަދަދެއްގެ މީހުން އެމެރިކާގައި ވޯޓްލި ފަހަރެވެ.

ޑިމޮކްރަޓިކް ޕާޓީން އުއްމީދު ކުރަނީ އާލީ ވޯޓިންގައި ވޯޓް ލާފައިވާ ގިނަ މިހުންގެ ވޯޓް ބައިޑަން އަށް ލިބޭނެ ކަމަށެވެ.

ޓްރަމްޕް ވެސް މިއަދު ވަނީ ގިނަ ބަޔަކު ވޯޓް ލާން ނިކުތްކަން ފާހަގަ ކޮށްފައެވެ. "ވަރަށް އަވަހަށް ކާމިޔާބީ ފާހަގަ ކުރަން ބޮޑު ހަރަކާތެއް ބާއްވާނަން. މިއީ އާދަޔާއި ހިލާފު ކާމިޔާބެއް. ވަރަށް ގިނަ ބަޔަކު ވަނީ ވޯޓް ލާން ނިކުމެފައި. އާދަޔާއި ހިލާފަށް ގިނަ އަދަދެއްގެ މީހުން ވަނީ ވޯޓް ލާން ނިކުމެފައި." ޓްރަމްޕް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިސްނާ

    100% ތިއުޅެނީ ބޮޑު މަކަރެއް ހަދަންވެގެން.
    ސުޕްރީމް ކޯޓަކީ ތީނަގެ އެންއަތް...ސްޕްރީމް ކޯޓުން ނިންމުންނިންމާނީ ތީނަގެ ކޮޅަށް....