އިނގިރޭސިވިލާތުގައި ހަލުވިކަމާއި އެކީ ނުރައްކާތެރި ކޮވިޑް-19 ފެތުރެމުންދާއިރު ފާއިތުވި 24 ގަޑިއިރު އެކަނިވެސް ކޮވިޑް-19 ޖެހިގެން އެޤައުމުން 492 މީހުން މަރުވެފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފި އެވެ.

މެއި 19 ގެ ފަހުން އެއްދުވަސްތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުން އިނގިރޭސިވިލާތުން ކޮވިޑް ޖެހިގެން މަރުވެފައި ވަނީވެސް ފާއިތުވި 24 ގަޑިއިރު އެވެ. ފާއިތުވި 28 ދުވަހުގެ ތެރޭގައި އިނގިރޭސިވިލާތުން 47،742 މީހުން ކޮވިޑް ޖެހިގެން މަރުވެފައި ވެއެވެ.

ކޮވިޑް-19 ގައި އިނގިރޭސިވިލާތުން މިހާތަނަށް 60،051 މީހުން ކޮވިޑް ޖެހިގެން މަރުވެފައިވާއިރު މި ޢަދަދަކީ މަރުވި މީހުންގެ ތެރެއިން މަރުގެ ސެޓްފިކެޓް ލިބުނު މީހުންގެ ޢަދަދެވެ. ޑިޕާޓްމަންޓް ފޯ ހެލްތް އެންޑް ސޯޝަލް ކެއާރ އިން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 25،177 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. މި ޢަދަދާއި އެކު އެޤައުމުން މިހާތަނަށް 1،099،059 މީހުން ކޮވިޑަށް ފައްސި ވެފައި ވެއެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ އަޕްޑޭޓްތަކަށް ބަލާއިރު މިއަދުގެ މިހާތަނަށް މުޅި ދުނިޔެއިން 48،144،572 މީހުން ފައްސިވެފައި ވެއެވެ. ބަލި ޖެހިގެން މަރުވެފައިވާ މީހުންގެ ޢަދަދަކީ 1،224،692 އެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 34،505،689 މީހުން ވަނީ ރަނގަޅުވެފަ އެވެ. ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން ސީރިޔަސް ހާލަތުގައި ތިބީ 88،625 މީހުންނެވެ.

ނުރައްކާތެރި ކޮވިޑް-19 ދުނިޔޭގެ 218 ޤައުމަކުން ފެނިފައިވާއިރު އެންމެ ގިނައިން ކޮވިޑަށް މީހުން ފައްސިވެފައި ވަނީ އެމެރިކާ އިންނެވެ. އެޤައުމުން 9،704،413 މީހުން ކޮވިޑަށް ފައްސިވެފައިވާއިރު ދެން އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ އަވައްޓެރި އިންޑިޔާއިންނެވެ. އެޤައުމުން 8،353،493 މީހުން ވަނީ ކޮވިޑަށް ފައްސިވެފަ އެވެ. ދުނިޔެއިން 3 ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ ބްރެލިޒް އިންނެވެ.

ކިޔުންތެރިންގެ ހިޔާލު