ކުރިއަށް އޮތް ހަތަރު އަހަރު އެމެރިކާގެ ރައީސްކަމަށް އިންތިޚާބު ވެފައިވާ ޖޯ ބައިޑެން ނެވާޑާ ސްޓޭޓްގެ އިންތިޚާބު ވެސް ކާމިޔާބު ކުރައްވައިފިއެވެ.

ރިޔާސީ އިންތިޚާބު ނިމުނުތާ ހަތަރު ދުވަސް ފަހުން ނެވާޑާގެ އެންމެ ފަހުގެ ނަތީޖާތަކާއި ހަމައަށް ދިޔައިރު އެސްޓޭޓް ވެފައި ވަނީ އިންތިޚާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެނިގެން ދިޔަ އެއް ސްޓޭޓަށެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން 270 އިލެކްޓޯރަލް ވޯޓް ބޭނުން ވާއިރު ޕެންސިލްވޭނިއާ ކާމިޔާބުކޮށް ބައިޑެން ވަނީ އިންތިޚާބު ކާމިޔާބުވިކަން މިހާރު ކަށަވަރު ކުރައްވާފައެވެ. ނެވާޑާ އަކީ ވެސް 6 އިލެކްޓޯރަލް ވޯޓް ހިމެނޭ ސްޓޭޓެކެވެ.

ފޮކްސް ނިއުސް އިން ބުނާ ގޮތުގައި ބައިޑެން މިހާރު ވަނީ 290 އިލެކްޓޯރަން ވޯޓް ހޯދާފައެވެ. ޓްރަމްޕް އަށް ލިބިފައި ވަނީ 214 އިލެކްޓޯރަލް ވޯޓެވެ.

ނެވާޑާ އަކީ ޓްރަމްޕްގެ ކެމްޕޭންގައި ވަރަށް ބޮޑު އިސްކަމެއް ދިން ސްޓޭޓެކެވެ. ޓްރަމްޕް ވަނީ ކެމްޕޭން ދުވަސްވަރު ނެވާޑާ އަށް އެތައް ފަހަރަކު ޒިޔާރަތްކޮށް ވަރަށް ގިނަ ކެމްޕޭން ރެލީތައް ބާއްވާފައެވެ. 2016 ވަނަ އަހަރު ވަރަށް ކުޑަ ތަފާތަކުން ނެވާޑާ ކާމިޔާބު ކުރީ އެފަހަރުގެ އިންތިޚާބުގައި ޓްރަމްޕް އާއި ވާދަކުރި ހިލަރީ ކްލިންޓަން އެވެ.

ނެވާޑާ އިން މިފަހަރު ޓްރަމްޕް އަށް ނާކާމިޔާބާއި ކުރިމަތިލާން ޖެހުނު އެއް ސަބަބަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ޓްރަމްޕް ވިސްނުން ގެންގުޅުނު ގޮތައް އެ ސްޓޭޓްގެ ތާއިދު ނުލިބުން ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. ނެވާޑާ އަކީ ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނަ ސްޓޭޓެކެވެ.

ކޮވިޑް-19 ކޮންޓްރޯލް ނުވެ ބަލި ފެތުރެން ފެށުމުން ވެސް އެކަށީގެންވާ ފިޔަވަޅުތަކެއް ސަރުކާރުން އަޅާފައި ނުވާކަމަށް ބުނެ ނެވާޑާގެ ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ނެވާޑާގެ ނަތީޖާ ވެސް ލިބުން މިފަހަރު ލަސްވެގެން ދިޔައީ ކޮވިޑް-19 އާއި ގުޅިގެން ގިނަ ބަޔަކު ޕޯސްޓް މެދުވެރިކޮށް ވޯޓް ލާފައި ވުމުންނެވެ. މިފަހަރުގެ އިންތިޚާބުގައި 100 މިލިއަން އެމެރިކާ މީހުން ވަނީ ޕޯސްޓް މެދުވެރިކޮށް ވޯޓް ލާފައެވެ. ޕޯސްޓް މެދުވެރިކޮށް ވޯޓްލީ މީހުންގެ ތެރެއިން ގާތްގަނޑަކަށް %80 މީހުން ވޯޓް ލާފައި ވަނީ ބައިޑެން އަށެވެ.