ކޮވިޑް-19 އަށް ދުނިޔެ އިން ރެކޯޑް އަދަދަކަށް މީހުން ފައްސިވެއްޖެއެވެ.

އިއްޔެ ޖުމްލަ 702,889 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވިއެވެ. އިއްޔެ އަކީ މިހާތަނަށް އެއްދުވަސް ތެރޭގައި ހަތްލައްކައަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ފުރަތަމަ ދުވަހެވެ. އިއްޔެ ކޮވިޑް-19 ޖެހިގެން 12350 މީހުން މަރުވިއެވެ.

އިއްޔެ ވެސް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ އަދި އެންމެ ގިނަ މީހުން މަރުވީ އެމެރިކާ އިންނެވެ. އެމެރިކާ އިން އިއްޔެ 246,530 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ. އިއްޔެ އެމެރިކާ އިން މަރުވި މީހުންގެ އަދަދު 3019 އަށް އަރައެވެ. އިއްޔެ އަކީ މިހާތަނަށް އެމެރިކާ އިން ދެވަނަ އަށް އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

އިއްޔެ ދެވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ ބްރެޒިލް އިންނެވެ. ބްރެޒިލް އިން 52,770 މީހުން އިއްޔެ ފައްސިވިއެވެ. ބްރެޒިލް އިން އިއްޔެ 652 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

އިއްޔެ ދެވަނަ އަށް އެންމެ ގިނަ މީހުން މަރުވީ އިޓަލީވިލާތުންނެވެ. އިޓަލީވިލާތުން 761 މީހަކު އިއްޔެ މަރުވިއެވެ. އިއްޔެ އެގައުމުން ކޮވިޑް-19 އަށް 18,727 މީހުން ފައްސިވިއެވެ.

މިހާރު މުޅި ދުނިޔެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 71.4 މިލިއަނަށް އަރައެވެ. ކޮވިޑް-19 ޖެހިގެން މިހާތަނަށް 1.6 މިލިއަން މީހުން ވަނީ މަރުވެފައެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ކޮންމެ ދުވަހަކު މިހާރު އެތައް ގުނައެއް އިތުރުވެފައިވާ އެއް ސަބަބަކީ ގިނަ ގައުމުތަކަށް ފިނި މޫސުން އައިސްފައި ވުމުންނާއި ގައުމުތައް އެއްކޮށް ފުރަބަންދު ކުރުން އެއީ މިހާރު ކުރެވެން ނެތް ކަމެއްކަމަށް ގަބޫލުކޮށް ގިނަ ގައުމުތަކުން ބޮޑެތި ލުއިތަކެއް ދީފައި ވުމުންނެވެ.

ކޮވިޑް-19 އަށް ވެކްސިނެއް ލިބި ގިނަ ބަޔަކަށް ވެކްސިން ނުދެވެނީސް ދުނިޔޭގެ ހާލަތު ރަނގަޅު ވެދާނެ ކަމަކަށް މިހާރު ނުބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު