ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ޖަރުމަންވިލާތުން އިތުރު 1،019 މީހަކު މަރުވެއްޖެއެވެ.

ޖަރުމަންވިލާތަކީ ދުނިޔެއިން ދިހަ ވަނައަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ގައުމެވެ. އެ ގައުމުގައި ކޮންމެ ދުވަހަކު ގޮތަކަށް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، މި އަދަދުތައް އުޅެނީ 10،000 ވުރެ މަތީގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެގައުމުން އިތުރު 1،019 މީހަކު މަރުވެ މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 38،199 އަށް އަރާފައެވެ. އެއް ދުވަސްތެރޭ އެގައުމުން އެންމެ ގިނަ މީހުން މަރުވެފައިވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 1،244 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

ފާއިތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު، އެ ގައުމުން 26،651 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެގައުމުން މިހާތަނަށް އެންމެ ގިނަ މީހުން އެއް ދުވަސްތެރޭގައި ފައްސިވެފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 31،553 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

އެ ގައުމުގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1,841,228 އަށް އަރާފައެވެ.

ޖަރުމަންވިލާތުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު، އެ ބަލީގައި މަރުވާ މީހުންގެ އަދަދުތައް ހިފެހެއްޓުމެއް ނެތި ދަނީ މައްޗަށެވެ. އެ ގައުމުން މިހާރު ދަނީ ކޮވިޑް-19 ވެކްސިން ދިނުމަށް ބޮޑު ޕްރޮގްރާމެއް ފަށައިފައެވެ.

މިހާތަނަށް އެގައުމުން މި ބަލި ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 1,451,000 މީހެކެވެ. އަދި 352,029 މީހަކަށް ފަރުވާ ދެމުން އަންނައިރު، އޭގެ ތެރެއިން 5,569 މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ނުވަތަ ސީރިއަސް ހާލުގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.