މިޔަންމާގެ ލީޑަރު އޮން ސަން ސޫކީ އާއި ރައީސް ވިން މިންޓް އާއި ވަޒީރުން ހައްޔަރުކުރުމަށްފަހު އަސްކަރިއްޔާއިން އެ ގައުމުގައި ހިންގަމުންދާ ބަޣާވާތާ ދެކޮޅަށް ރައްޔިތުން ތަފާތު ގޮތަކަށް މަގުމަތީގައި އާއި ގޭގައި ތިބެގެން އަޑު އުފުލައިފިއެވެ.

މިޔަންމާގެ އަސްކަރިއްޔާގެ ސިފައިން ގެންދަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްގެން އެ ގައުމުގެ މަގުތަކުގެ ފޯރިމަރަމުންނެވެ. އިހްތިޖާޖް ކުރާ ނަމަ އެ އެއްވުންތަކަށް އަސްކަރިއްޔާ އިން ހުރަސް އަޅައެވެ. މިޔަންމާގައި ބަޣާވާތްކޮށް އަސްކަރިއްޔާއިން ގައުމާ ހަވާލުވެފައިވާ ކަން އެ އަސްކަރިއްޔާއިން ވަނީ އިއުލާން ވެސް ކޮށްފަައެވެ.

މީސް މީޑިއާ މެދުވެރިކޮށް ވެސް އަޑު އުފުލޭނެ ގޮތް ވަނީ ބަންދުކޮށްފައެވެ. މިޔަންމާގައި މީސް މީޑިއާގެ ގިނަ ޕްލެޓްފޯމްތައް ވަނީ ބޭނުން ނުކުރެވޭ ގޮތަށް ހަދައިފައެވެ. ބައެއް ސަރަހައްދުތަކުގައި މުވާސަލަތީ އެހެން ޚިދުމަތްތައް ބޭނުން ނުކުރެވޭ ގޮތް ވެސް އޮތީ ހަދައިފައެވެ. ރޭޑިއޯ އާއި ޓީވީގެ ޚިދުމަތް ވެސް އޮތީ މެދުކަނޑާލައިފައެވެ.

އެކަމަކު މިޔަންމާގެ ރައްޔިތުން "ބަޣާވާތާ ދެކޮޅަށް" ތިބިކަން އަންގައިދިނުމަށް އަޑު އުފުލުމުގެ ހަރަކާތްތައް ހުއްޓައެއް ނުލައެވެ. ހުއްޓާލައިގެން މަޑުން ތިބެވޭ ވަރަށް ވުރެ ރައްޔިތުންގެ ނުރުހުން އޮތީ ކޮޅުން ލައިފައެވެ.

ރައްޔިތުން މިހާރު އިހްތިޖާޖް ކުރަމުން ދަނީ ދިރިއުޅޭ ގެ ކައިރީ ހުރެގެންނެވެ. ގޭގައި ހުރި ކޮންމެ ވެސް އެއްޗެއްގައި ޖަހައިގެން އަޑުގަދަ ކުރަނީއެވެ.

މިޔަންމާގެ ގެއެއްގެ އެތެރެއިން ތަށިތަކުގައި ޖަހައިގެން އަޑުގަދަ ކުރަމުން އިހްތިޖާޛްގައި މީޙަކު ބައިވެރިވަނީ - ފޮޓޯ: އަލްޖަޒީރާ

އެންމެން އެއް ވަގުތެއްގައި ގޭގެ ބެލްކަނީތަކުގައި ތިބެގެންނާއި އެއް ބަޔަކު ގޭތެރޭ ތިބެގެން އަދި ބައެއް މީހުން ދިރިއުޅޭ ގޭގެ ދޮރު މަތީ ތިބެގެން އެކި ތަކެތީގައި ޖަހަނީއެވެ. ބައެއް މީހުން ދޮރު މަތީ ޕާކްކޮށްފައި ހުންނަ ކާރާއި ސައިކަލު ފަދަ ދުއްވާ އުޅަނދު ފަހަރަށް އަރައި ބަރުގޮނު ވެސް އަޅައެވެ.

ރޭވިގެން، އިންތިޒާމު ކުރެވިގެން ހިނގާ ހަރަކާތެއް ގޮތަކަށް އެންމެން އެއް ވަގުތެއްގައި ނުކުމެ މި ގޮތަށް އަޑުގަދަ ކުރަން ފެށުމުން، މުޅި މާހައުލު އެ އަޑުން ގުގުމާލާ ކަން މިޔަންމާގެ މި އިހްތިޖާޖްގެ ވީޑިއޯތަކުން ވެސް ފެނެއެވެ. އަދި މިފަދަ މަންޒަރުތަކުގެ ފޮޓޯ އާއި ވީޑިއޯ މިޔަންމާގެ އަސްކަރިއްޔާގެ ބައެއް ސިފައިން ނަގަން ތިއްބައި ހުންނަ ފޮޓޯތަކެއް ވެސް ދައުރުވަމުން އެބަދެއެވެ.

މިޔަންމާގެ އެކި އެޕާޓްމަންޓްތަކުން މީހުން ނުކުމެ ގޭގައި ބޭނުން ކުރާ ސަމާނެއްގައި ޖަހައިގެން އަޑު ގަދަ ކުރާ މަންޒަރު ސިފައިންނާއި ފުލުހުން ނަގަނީ- ފޮޓޯ: އަލްޖަޒީރާ

މިޔަންމާ ރައްޔިތުންގެ ފަރާތުން ފެނުނު އިހްތިޖާޖް ކުރުމުގެ މި ތަފާތު ވައްޓަފާޅި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ ދުނިޔޭގެ މީޑިއާގެ ސަމާލު ކަމަށް އައިސްފައެވެ.

މިޔަންމާގެ ދައުލަތުގެ ހުރިހާ ބާރުތަކެއް މިހާރު ކޮންޓްރޯލް ކުރަމުން ދަނީ އަސްކަރިއްޔާއިންނެވެ. އަސްކަރިއްޔާ އިން ބުނި ގޮތުގައި އެ ގައުމުގެ ވެރިން ހައްޔަރު ކުރަން ޖެހުނީ ވޯޓު އޮޅުވާލައި އިންތިހާބުގައި މަކަރު ހަދާފައިވާތީއެވެ.

އަދި ގައުމު އެއް އަހަރު ދުވަސް ވަންދެން އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި އޮންނާނެ ކަމަށް ވެސް އެ ގައުމުގެ އަސްކަރިއްޔާއިން އިއުލާންކޮށްފައިވެއެވެ.

މިޔަންމާގެ އަސްކަރިއްޔާއިން "ބަޣާވާތް" އެއް ހިންގާފައިމިވަނީ، އާންމު އިންތިހާބުގައި އެންއެލްޑީ އަށް ބޮޑު މެޖޯރިޓީއެއް ލިބިފައި ވަނިކޮށެވެ. އެންމެ ފަހުގެ ނަތީޖާތައް ދައްކާ ގޮތުގައި ވެރިކަންކުރާ އެންއެލްޑީން ވަނީ ވޯޓުގެ 83 އިންސައްތަ ކާމިޔާބުކޮށްފައެވެ. އަސްކަރިއްޔާއިން ބާރުވެރިވެ ހިންގާ "ޔޫނިއަން ސޮލިޑަރިޓީ އެންޑް ޑިވެލޮޕްމަންޓް ޕާޓީ" އަށް އިންތިހާބުގައި ތަނަވަސް އަޣުލަބިއްޔަތެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާމިނީބަގުވާނު

    މީ ކުރަންވީ ކަމަކީ، އިރުއަރަން ވާއިރަށް ވެއްޓިދާނެ ތޯއްޗެއް.

  2. ހަޖަމް

    ވަގުތުން އެއްކަލަ މުސްލިމުނގެ ލޭބޯ ދައިތަ އަންގް ސަންގް ސުޔޫ ކީ ޮޮޮޮޮޮޕްރޮމޯޓްކުރަނީ..

    3
    1