ސޯމާލިއާގެ ވެރިރަށް މޮގަދިޝޫގައި ދިން ބޮމުގެ ހަމަލާއެއްގައި 20 މީހަކު މަރުވެ ގިނަ ބަޔަކު ޒަހަމް ވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއަކީ ކާރެއް ގޮއްވައިގެން ދީފައިވާ ބޮމުގެ ހަމަލާއެކެވެ. ބޭރުގެ މީޑީއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ހާދިސާގައި 20 މީހުން މަރުވެ 30 އަށް ވުރެ ގިނަ މީހުން ވަނީ އެކި ކަހަލަ ޒަހަމްތަކެއް ވަނީ ލިބިފައެވެ. މި އެންމެންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ގޮވާ ތަކެތި ހަރުކޮށްފައި އޮތް އެކާރު ގޮވާފައިވަނީ ޕޯޓް ކާރީގައި ހުންނަ ލޫލް ޔެމެނީ ރެސްޓޯރެންޓްގެ ގޭޓް ގައި އެރޭގެ އަށެއް ޖަހާކަންހާއިރު ކަމަށް ފުލުހުންގެ ސީނިއާ އޮފިސަރެއް ކަމަށްވާ ކެޕްޓަން އެޑެން އޮސްމާން ވިދާޅުވިއެވެ.

ބާރު އަލިފާންގަނޑަކާއި އެކީ ގޮވި މި ގޮވުމުގެ ސަބަބުން އެ ސަރަހައްދުގައި ތިބި ގިނަ އިމާރާތްތަކަކަށް ވަނީ ގެއްލުން ލިބިފައެވެ. އޭގެ ތެރޭގައި ފިހަރަތަކާއި ގެތައް ހިމެނެއެވެ.
ނިރުބުވެރި ޖަމާއަތެއް ކަމަށްވާ އަލްޝަބާބް އިން ދީފައިވާ ބަޔާނެއްގައި ހަމަލާ ދިން ކަމުގައާއި އެއްބަސްވެ ޒިންމާ ނަގާނެ ކަަމަށް ބުނެފައިވެއެވެ.
މިއިީ 2020 ވަނަ އަހަރު އޯގަސްޓް މަހުގެ ފަހުން އެއް ރެސްޓޯރެންޓަކަށް ހަމަލާދިން ދެވަނަ ފަހަރެވެ. އަދި މިދިޔަ މަހުގެ ތެރޭގައިވެސް ސޯމާލިއާގެ ރައީސްގެ ގެކޮޅު ކައިރީގައިވެސް ވަނީ ކާރެއް ގޮއްލާލާފައެވެ.