ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ތިން ވަނަ ފަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފިއެވެ.

ޓޯކިޔޯގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި މިވަނީ އޮލިޕިކްސް ފެށެން ތިން މަހަށް ވެފައި ވަނިކޮށެވެ.

ޓޯކިޔޯގެ އިތުރުން އެގައުމުގެ ހުޅަނގު އޮސާކާ، ޔޮޓޯ އަދި ހީގޯގައި ވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައެވެ.

އެގައުމުގެ ބޮޑުވަޒީރު ޔޮޝިހީޑް ސުގާ ބުނެފައިވަނީ އެ ފިޔަވަޅު އަޅާފައިވަނީ އެގައުމުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުންނާއި ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި އެގައުމަށް ދަތުރު ކުރާ މީހުންގެ އިންސައްތަ މަދު ކުރުމުގެ ގޮތުން ކަމަށެވެ.

އެގައުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ނަމަވެސް ބައެއް ފަރާތްތަކުން ބުނެފައިވަނީ އެގޮތަށް ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ޓޯކިޔޯގައި ތިން ވަނަ ފަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވަނީ ކިހާ ދުވަހުގެ މުއްދަތަކަށް ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ. މި މުއްދަތުގެ ތެރޭގައި ބާތަކާއި ފިހާރަ، މޯލް އަދި ސިނެމާ ފަދަ ތަންތަން ބަންދު ވާނެއެވެ. އަދި ޔުނިވާސިޓީތަކުގެ ކިޔެވުން އޮންލައިންކޮށް ބަދަލުވާނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ޖަޕާނުގައި އެންމެ ފުރަތަމަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ ހަތް ވަނަ ދުވަހުއެވެ.