އިންޑިއާއިން ފެނިފައިވާ ކޮވިޑް ވޭރިއެންޓާ ގުޅުން ހުރި ވޭދަނައެއް އޮސްޓްރޭލިއާއިން ފެނިފަައިވާތީ ގައިދުރުކަން ބަހައްޓައިގެން އާންމުންގެ ތެރޭގައި އުޅުމަށް އޮސްޓްރޭލިއާގެ އޮފިޝަލުން އަންގައިފިއެވެ.

ހަފްތާ ބަންދަށާއި، މަންމައިންގެ ދުވަސް ފާހަގަ ކުރުމަށް ގިނަ ބަޔަކު އެއްވެ އުޅޭނެ ކަމަށް ބަލައި އޮސްޓްރޭލިއާގައި ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް މިހާރު ވަނީ ހަރުކަށިކޮށްފައެވެ.

ސްޓޭޓް ސަރުކާރުން އަންގާފައިވަނީ ގެޔަކަށް އެއްވެ އުޅެވޭނީ ގިނަވެގެން 20 މީހުންނަށް ކަމަށާއި، ކެއާ ފެސިލިޓީ ތަކުގައި ތިބޭ މީހުން ކައިރިޔަށް ޒިޔާރާތް ކުރެވޭނީ ދެމީހުންނަށް ކަމަށެވެ. ގޭތެރޭގައި ވިޔަސް ގިނަ ބަޔަކު އެއްވެ އުޅޭ ނަމަ މާސްކު އެޅުން މަޖުބޫރެވެ.

އޮސްޓްރޭލިއާގައި ކޮވިޑާ ދެކޮޅަށް ފިޔަވަޅުތައް ވަރުގަދަ ކުރަމުންދަނީ ސިޑްނީގެ އުމުރުން 50 އަހަރުގެ ފިރިހެނަކު އިންޑިއާއިން ފެނިފައިވާ ނުރައްކާތެރި ކޮވިޑް ވޭރިއެންޓަށް ފައްސިވެފައިވުމާ ގުޅިގެންނެވެ. އޮސްޓްރޭލިއާގެ ހެލްތް މިނިސްޓްރީން ބުނެފައިވަނީ އިންޑިއާ ވޭރިއެންޓަށް ފައްސިވެފައިވާ މީހާގެ އަންހެނުން ވެސް ކޮވިޑުގެ އިންޑިއާ ވޭރިއެންޓަށް ފައްސިވެފައިވާކަމަށެވެ.

އެ ފިރިހެން މީހާ ކޮވިޑަށް ފައްސިވެފައިވަނީ މީގެ މަސްދުވަސް ކުރިން ކަމަށް ރިޕޯޓުތައް ބުނެއެވެ. ކޮވިޑަށް ފައްސި ވުމާއެކު ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވެއެވެ.

މި ވޭދަނައާ ގުޅޭ ޑައިރެކްޓް ލިންކެއް އަދި ހޯދިފައިނުވާ ކަމަށް އޮސްޓްރޭލިއާގެ ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ. މިއީ އިންޑިއާގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް ވޭރިއެންޓް އޮސްޓްރޭލިއާ އިން ފެނުނު ފުރަތަމަ ފަހަރެވެ.

ސިއްހީ އިދާރާތަކުން އަންގާފައިވަނީ އޮސްޓްރޭލިއާގެ ރައްޔިތަކު ކުޑަ ނަމަވެސް ކޮވިޑްގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ކޮވިޑަށް ޓެސްޓު ކުރުމަށެވެ.

އިންޑިއާއިން އޮސްޓްރޭލިއާއަށް އެތެރެ ވެއްޖެނަމަ ބޮޑު އަދަދެއްގެ ޖޫރިމަނާއެއް ނުވަތަ ޖަލުހުކުމަކާއި ކުރިމަތިލާން ޖެހެއެވެ.