ކޮލަމްބިޔާގެ ރައީސް އައިވަން ޑޫގް ދަތުރުކުރައްވަމުން ގެންދިޔަ ހެލިކަޕްޓަރަށް ބަޑިޖަހައިފި އެވެ.

ރައީސް ޑޫގް ދަތުރުކުރައްވަމުން ގެންދިޔަ ހެލިކަޕްޓަރަށް ބަޑިޖަހާފައި ވަނީ ވެނެޒުއާގެ ބޯޑަރު ކައިރިންނެވެ. މިއީ ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ކޮލަމްބިޔާގެ ރައީސަކަށް އަމާޒުކޮށްގެން ދެވުނު ފުރަތަމަ ހަމަލާއެވެ.

ކޮލަމްބިޔާ ސަރުކާރުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށާއި ހެލިކަޕްޓަރަށް ބަޑި ޖަހާފައި ވަނީ ކޮލަމްބިޔާ ނުވަތަ ވެނެޒުއޭލާ ފަޅިން ކަން އަދި މިހާތަނަށް ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ.

ކޮލަމްބިޔާގެ ރައީސް ދަތުރުކުރައްވަމުން ގިންދިޔަ ހެލިކަޕްޓަރު

ވެނެޒުއޭލާގެ ބޯޑަރު ސަރަހައްދުގައި ކޮލަމްބިއާ ސަރުކާރާއި ދެކޮޅަށް ހަނގުރާމަކުރާ ހަނގުރާމަވެރިން އަބަދުވެސް ތިބޭ ކަމަށް ކޮލަމްބިއާ ސަރުކާރުން ބުނެއެވެ.

މި ހާދިސާ އާއި ގުޅިގެން ކޮލަމްބިޔާގެ ރައީސް ވިދާޅުވީ މިއީ ވަރަށް ފިނޑި އަމަލެއް ކަމަށާއި ހެލިކަޕްޓަރުގެ ވަޒަން އަރާފައިވާ ބާގަނޑު ހެދިފައިވާ ކަމަށެވެ.

ރައީސް ޑޫގް ދަތުރުކުރައްވަމުން ގެންދެވީ ޑިފެންސް އެންޑް އިންޓީރިޔާ މިނިސްޓަރުންނާއި އެކުގައި އެވެ. އަދި ނޯޓޭ ޑެ ސަންޓަންޑާގެ ގަވަނަރުވެސް ޑޫގް އާއި އެކު ހެލިކަޕްޓަރުގައި އިންނެވިއެވެ.

ޔޫއެސް، ޔޫރަޕިއަން ޔޫނިއަން އަދި ޔޫއެން މިޝަން އިން މި ހާދިސާ ކުށްވެރިކޮށްފައިވާއިރު ކޮލަމްބިޔާގެ ރައީސް ވަނީ މިހާދިސާ ތަހުގީގު ކުރުމަށް އެޤައުމުގެ ސަލާމަތީ ބާރުތަކަށް އަންގާފަ އެވެ.

ވެނެޒުއޭލާ އާއި ކޮލަމްބިޔާގެ ގުޅުން ހީނަރުވެފައި ވަނީ 2018 ވަނަ އަހަރު ޑޫގް ވެރިކަމާއި ހަވާލުވި ފަހުންނެވެ. މިހާރު ވެނެޒުއޭލާގެ ރައީސް ކަމަށް ހުންނަވަނީ ނިކޮލަސް މަދޫރޯ އެވެ.