ކޮވިޑް-19 އިން ދިފާއުވުމަށްޓަކައި ފައިޒާ ވެކްސިންގެ ތިން ވަނަ ޑޯޒެއް އަދި މިވަގުތު ޖަހަން ނުޖެހޭ ކަމަށް ފައިޒާގެ އޮފިޝަލުންނާއި އެމެރިކާގެ ހެލްތު އެންޑް ހިއުމަން ސާވިސް ޑިޕާޓްމަންޓްގެ އޮފިޝަލުން މަޝްވަރާ ކުރުމަށް ފަހު ނިންމައިފިއެވެ.

ކޮވިޑުން ދިފާއުވުމަށް އެންމެ ރައްކާތެރި ގޮތަކީ ފައިޒާގެ ތިން ވަނަ ޑޯޒެއް ވެސް ޖެހުން ކަމަށް މިދިޔަ ހަފްތާގައި ފައިޒާ އިން ވަނީ ބުނެފައެވެ. ނަމަވެސް އެމެރިކާގެ ސީޑީސީ އިން ވެސް ވަނީ އޭރު ވެސް އެކަމާއި ދެކޮޅު ހަދާފައެވެ. އަދި އިއްޔެ އެޗްއެޗްއެސްގެ އޮފިޝަލުން ވަނީ ފައިޒާގެ އޮފިޝަލުންނާއި އިތުރަށް މަޝްވަރާކޮށް، ވެކްސިންގެ ތިން ވަނަ ޑޯޒެއް މިވަގުތު ޖަހަން ނުޖެހޭނެ ކަމަށް ނިންމާ ހިޔާލު އެއްގޮތް ކޮށްފައެވެ.

ޑެލްޓާ ވޭރިއަންޓް ފެތުރެމުންދާ ނިސްބަތާއި އަދި ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ކޮވިޑް ޖެހޭ ނިސްބަތައް ބަލާފައި ފައިޒާ ކުންފުނިން މިދިޔަ ހަފްތާގައި ބުނީ ހަމަސް ފަހުން ފައިޒާގެ ތިން ވަނަ ޑޯޒެއް ދޭން ޖެހޭ ކަމަށެވެ. އެހެންކަމުން އެކަމުގެ ހުއްދަ އަށް އެދި އެމެރިކާގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް އެކުންފުނިން ބުންޏެވެ.

ނަމަވެސް އެމެރިކާގެ އެޗްއެޗްއެސް އިން ބުނީ މިހާތަނަށް ލިބެން ހުރި މައުލޫމާތައް ބަލާއިރު ވެކްސިންގެ ތިން ވަނަ ޑޯޒެއް ނުވަތަ ބޫސްޓާޝޮޓެއް ދިނުން އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ނުފެންނަ ކަމަށެވެ. އަދި މިހާތަނަށް ލިބުނު މައުލޫމާތައް ބަލާއިރު ވެކްސިންގެ ތިން ވަނަ ޑޯޒެއް ދޭން ނުޖެހޭ ކަމަށް ނިންމުނު ނަމަވެސް ކުރިއަށް އޮތްތަނުގައި ހާލަތު ބަދަލުވެދާނެ ކަމަށް ވެސް އެމެރިކާ ސަރުކާރުގެ އޮފިޝަލުން ބުނެއެވެ.

ފައިޒާ ކުންފުނިން ވެސް ބުނީ ވެކްސިންގެ ތިން ވަނަ ޑޯޒެއް ދިނުމާއި މެދު އިތުރަށް މަޝްވަރަކޮށް އިތުރަށް ތަފާސް ހިސާބުތައް ބަލަމުން ގެންދާނެ ކަމަށެވެ.